ގްރޭޓަރ މާލެ ސަރަހައްދުގައި އީ ސްޕޯޓްސް އެރީނާއެއް އެޅުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އެކަން ކުރިޔަށްދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2025" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ރޭ ކުރިޔަށްދިޔަ މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އީ ސްޕޯޓްސްގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ބާރުއަޅުއްވާ ކަމަށެވެ. އަދި އުރީދޫ އިން ރާއްޖޭގައި މި ފުރުސަތު ފަހިކޮށްދޭތީ އުރީދޫއަށް ޝުކުރުއަދާ ކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ހުރިހާ ކުޅިވަރެއް ބަލައިގެންފައިވާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖަކީ، ޑިޖިޓަލް އިނޮވޭޝަންގެ ތެރެއިން މުސްތަގުބަލުގެ ވާދަވެރި އަދި މުނިފޫހިފިލުވުމުގެ ބައެއްގެ ގޮތުގައި އީ ސްޕޯޓްސް ބަލައިގަންނަން ޖެހޭ ކަމަށެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑް އިވެންޓަކީ ހުނަރާއި އީ ސްޕޯޓްސްގެ ފޯރި ގަދަވަމުން އަންނަ އިވެންޓެއް ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ގޭމިންއަކީ ހަމައެކަނި ހުސްވަގުތު ފުރުމަށް ކުރާކަމެއް ނޫންކަމަށާއި، މިއީ މިހާރު "ގްލޯބަލް މިލިއަން ޑޮލަރު" އިންޑަސްޓްރީ އާއި ގުޅިފައިވާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ބަދަލުވަމުންދާ އީ ސްޕޯޓްސްގެ ދާއިރާ ފެންނަނީ ވަރަށް އުފާވެރިކޮށް ކަމަށާއި، ހުނަރުވެރި އިތުރު ޒުވާނުން އީ ސްޕޯޓްސްގެ ތެރެއަށް ވަންނަމުންދާތަން ފެންނަ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ރީތި ނަން ހޯދާ ކަމަށެވެ.
އުރީދޫއިން ރާއްޖޭގެ ޒުވާނުންނަށް މިފަދަ ފުރުސަތެއް ފަހިކޮށްދީ ދުނިޔޭގެ ފެންވަރުގެ ޓޯނަމަންޓްތައް ބާއްވާ ގޭމާސްއަށް ފުރުސަތުތައް ފަހިކޮށްދޭކަން ފާހަގަކޮށް ވަޒީރު ވަނީ އުރީދޫއަށް ޝުކުރުއަދާކޮށްފައެވެ.