ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ދިއްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގު އިބްރާޙިމެވެ. 
ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމާއެކު އެރަށުގެ ތިމާވެށި ހިމާޔަތް ކުރެވުމާއެކު ރައްޔިތުންގެ ސިއްޙަތުގެ އިތުރުން ލޯކަލް ވިޔަފާރިތަކަށްވެސް އެކަމުން ފައިދާކުރާނެ ކަމެއްކަމަށެވެ. 
ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވއިރު، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެރަށުގައި ވެމްކޯގެ ޚިދުމަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. 
		
										
			ވަޒީރު ޠާރިޤް ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ކުޑަކުދިންނަށްވެސް މުހިއްމު ދަޢުރެއް އަދާކުރެވިދާނެކަމަށެވެ. 
"އަސްލު ހަޤީޤަތުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ބާރު އަޅައިދޭ އެއް ބަޔަކީ ތުއްތު ކުދިން. ސްކޫލް ދަރިވަރުން. އެކުދިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ރަނގަޅު ގޮތުގައި ދެވިއްޖެކަމުގައި ވަންޏާމު ގޭގެއިން ނިކުންނަ ކުނި ހުންނާނީ ރަނގަޅަށް ބައި އެޅިފަ. ހުންނާނީ އެކަންތައް ކުރަން ފަސޭހަވެފަ" ވަޒީރު ވިދާޅުވިއެވެ.
		
										
			މި ރަސްމިއްޔާޓުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް ރަށެއްގެ ކައުންސިލުން ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްގެންދެވެނެކަމަށެވެ. އަދި އެކަމުގައި ވެމްކޯގެ ފާރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް އަބަދުވެސް މުވައްޒަފުން ތައްޔާރަށް ތިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެބަ އޮވޭ ރާއްޖޭގެ ހުރިހާ ރަށެއްގަ ކުނި މެނޭޖްކުރުމުގެ ވިސްނުން. ރަށެއްގެ ކައުންސިލަކުން ގޭގެއިން ކުނި ކަލެކްޝަންގެ ކަންތައް ކުރިއަށްގެންގޮސް ރަށުގެ ގޮނޑާހަމައަށްގެންގޮސް އެ ސަރަހައްދު ފުރުނީމަ ދެން ކުރެވޭނެ ކަމެއް ނޯވެ. އެރަށުން ބޭރުކުރެވޭނެ ގޮތެއް މި އޮންނަނީ ވެމްކޯއާއި ގުޅިގެން ވެމްކޯގެ ކޮންމެވެސް އެއް ސައިޓަކަށް ގެންދާގޮތަށް. ކޮންމެ ރަށެއްގެވެސް ކައުންސިލާ ގުޅިގެން ކައުންސިލުން އެދިއްޖެނަމަ އަޅުގަނޑުމެން އެ ޚިދުމަތް ފޯރުކޮށްދެން އެބަ" މުޖްތަބާ ޖަލީލް ވިދާޅުވިއެވެ. 
ވެމްކޯއިން ދެމުން އަންނަ ޚިދުމަތުގައި އެ ކުންފުންޏަށް އެއްބާރުލުން ދިނުމަށް ކައުންސިލާއި ރައްޔިތުންގެ ފަރާތުން ތިމާވެއްޓާބެހޭ ވަޒީރާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުވެސްވަނީ އެދިވަޑައިގެންފައެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި މެނޭޖުކުރުން  ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ.