ޚަބަރު

މާހެފުމަކީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާކަމެއްނޫން، ބިދުޢައަކަށް ނުވާނެ: ވަޒީރު ޝަހީމް


  • ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް

  • ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް

މާހެފުމަކީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާކަމަކައްނުވާތީ އެކަން ބިދުޢައަކަށް ނުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއްކަމަށެވެ. އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށްނުވާތީ އެއީ ބިދުޢައަކަށް ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާހެފުމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއްކަމަށެވެ. އަދި ހަމަ އެގޮތައް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއްކަން ވަޒީރު ފާހަގަކުރެއްވުއެވެ.

ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއްކަމަށް ވިދާޅުވެފައެވެ.