ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި މިރޭ ހަ ވިކެޓުން ބަންގްލަދޭޝްގެ މައްޗަށް އިންޑިއާ ކުރި ހޯދައިފިއެވެ.
މި މެޗުގައި ފުރަތަމަ ކުޅެން ނުކުމެ 50 އޯވަރުގެ ތެރޭގައި ބަންގްލަދޭޝްއަށް ހެދުނީ 228 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 100 ލަނޑު ހެދި ތައުހީދު ހަރިދޯއި އެވެ. ޖެކަރް 68 ލަނޑާއެކު ބައި ސައްތަ ހެދި އެވެ.
ޖަވާބުގައި ކުޅެން އަރައި އިންޑިއާ މޮޅުވެގެން ފޭބީ 46 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 231 ލަނޑު ހަދައިގެންނެވެ. އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 101 ލަނޑު ހެދި ޝުބްމަން ގިލް އެވެ. އިނިންގްސް ހުޅުވަން ނުކުތް ކެޕްޓަން ރޯހިތު ޝަރުމާ އަށް ހެދުނީ 41 ލަނޑެވެ. މަޝްހޫރު ވިރާޓް ކޯލީއަށް ހެދުނީ އެންމެ 22 ލަނޑެވެ.
އިންޑިޔާއިން އެންމެ ރަނގަޅަށް އުކީ ފަސް ވިކެޓް ނެގި މުހައްމަދު ޝަމީ އެވެ. އޭނާ ފަސް ވިކެޓް ނެގީ 10 އޯވަރުންނެވެ. ހަރްޝިތު ރާނާ ތިން ވިކެޓް އަދި އަޒަރް ޕަޓޭލް ދެ ވިކެޓް ނެގި އެވެ. ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓް ނެގި ރިޝާދު ހުސައިންނެވެ.
މި މެޗަށް ފަހު އިންޑިޔާ ދެން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ޕާކިސްތާނާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހު ދުބާއީގަ އެވެ. އިންޑިޔާގެ މެޗުތައް ދުބާއީގައި ކުޅެނީ ޕާކިސްތާނަށް އިންޑިޔާ ޓީމު ނުފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމުމުންނެވެ. އިންޑިޔާ މެޗަށް ޕާކިސްތާން ޓީމު ދުބާއީއަށް ދިޔައީ މިރޭގެ ވަގުތެއްގަ އެވެ.
ބަންގްލަދޭޝްއަށް ދެން އޮންނާނީ ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ ޕާކިސްތާނުގަ އެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.