ޚަބަރު

ފަރުމަސް އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • ކޯސް ކުރިއަށްދާނީ އޮގަސްޓު 8-20އަށް

  • 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައި

  • ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައި

ފަރުމަސް އާލާ ކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި އެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ދެވަނަ ކޯސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މި ކޯސް ކުރިއަށްދާނީ އޮގަސްޓު 8އިން އޮގަސްޓު 20ވަނަ ދުވަހާއި ހަމައަށެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއަށް ހުށަހެޅުއްވުމަށް އެ ވުޒާރާއިންވަނީ އެދިފައެވެ. އަދި [email protected] އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައިކަމަށެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ.

މެރިން ހެޗަރީ ޕްރޮގްރާމްފަދަ ފްރޮގްރާމްތަކަކީ، ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެވެ.