މެދުއިރުމަތީގެ ހަނގުރާމަ ހުއްޓައިލުމަށް އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ހަފްތާގެ ތެރޭގައި ސޮއިކުރި އިބްތިދާޢީ ސުލްޙައިގެ އެއްބަސްވުމަށް މަރުޙަބާ ކިޔާ ކަމަށް ތުރުކީވިލާތާއި މިޞްރާއި ޕާކިސްތާނާއި ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ. އެ ޤައުމުތަކުން އެހެން ބުނެފައި ވަނީ މިޞްރުގެ ޤާހިރާގައި މިހާރު ކުރިއަށްދާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ރީޖަނަލް-4 ނުވަތަ އާރު-4ގެ ގޮތުގައި މުހާތަބު ކުރެވޭ މި ހަތަރު ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިޞްރުގެ ދަޢުވަތަކަށެވެ. މިއީ ހަތަރު ޤައުމުން އެކުގައި ބާއްވާ މި ފަދަ ހަތަރުވަނަ ބައްދަލުވުމެވެ.
އެ ބައްދަލުވުމުގައި އާރު-4އިން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެެއް އޮތުމަށް އެ ޤައުމުތަކުން ތާއީދު ކުރާ ކަމަށް ވެސް ބުނެފައެވެ. ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކަންތައްތައް ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ވެސް ވަޒީރުން ވާހަކަ ދައްކަވާފައިވެއެވެ. އަދި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، މެދުއިރުމަތީގެ ޞުލްޙައާއި ސަލާމަތާއި އަމާންކަމާއި ތިޔާގިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށް ވެސް އެ ބޭފުޅުން އަލިއަޅުވާލައްވާފައިވެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ޖޫން މަހުގެ 18ވަނަ ދުވަހު ސޮއިކުރި އިބްތިދާޢީ އެއްބަސްވުމާ ގުޅޭގޮތުން ހަތަރު ޤައުމުން ބުނީ އެ އެއްބަސްވުމަކީ ޙާލަތު ރަނގަޅުކުރުމާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅި، ހަކަތައިގެ ބާޒާރަށާއި ބައިނަލްްއަޤްވާމީ ކަނޑުމަގުތަކާއި ވިޔަފާރިތަކަށް ނުރައްކާވަމުންދާ ކަމަށް ފާހަގަކޮށް އެ ޤައުމުތަކުން ބުނީ އިބްތިދާޢީ އެއްބަސްވުމަކީ މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިބްތިދާޢީ އެއްބަސްވުމާ ހަމައަށް ވާޞިލްވުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް، ހަތަރު ޤައުމުން ވެސް ވަނީ އެ މަސައްކަތްތަކަށް ތަޢުރީފުކޮށްފައެވެ. އަދި އެއްބަސްވުމުގައި ހިމެނޭ ކަންތައްތައް ފުރިހަމައަށް ތަންފީޛު ކުރުމުގެ މުހިންމު ކަން ވެސް ފާހަގަކޮށްފައިވެއެވެ.