މުނިފޫހިފިލުވުން

އޮސްޓްރޭލިއާގެ އަރޓިސްޓެއް ރާއްޖެ އަތުވެއްޖެ


މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން "ސްޓްރީޓް އާރޓް ފެސްޓިވަލް" ގައި ބައިވެރިވުމަށް އޮސްޓްރޭލިއާއިން ރާއްޖެއައުމަށް ހަމަޖެހިފައިވާ 2 އަރޓިސްޓުންގެ ތެރެއިން ފުރަތަމަ އަރޓިސްޓް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ރާއްޖެ އައިސްފައި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު އާރޓިސްޓެއް ކަމަށްވާ، މެޓް އެޑްނޭޓެވެ. އޭނާ އަކީ އާރޓްސްގެ ދާއިރާއިން، ޚާއްޞަގޮތެއްގައި "ސްޓްރީޓް އާރޓް"ގެ ދާއިރާއިން އޮސްޓްރޭލިއާގައި ފާހަގަކޮށްލެވޭ އާރޓިސްޓެކެވެ. ޕީ.އެސް.އެމްއާ ވާހަކަދައްކަމުން މެޓް އެޑްނޭޓް ބުނީ މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރުކަމަށާއި، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ މިފަދަ ޙަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް ލިބުނީތީ އެކަމާއި އުފާކުރާ ކަމަށެވެ.

ސްޓްރީޓް އާރޓްގެ ދާއިރާގައި މަސައްކަތް ކުރާތާ ގާތްގަނޑަކަށް 15 އަހަރު ވެފައިވާ މެޓް، އޭނާއަށް މިދާއިރާގައި މިހާތަނަށް ކުރެވުނަށް އެންމެ ތަފާތު ތަޖުރިބާ ޕީ.އެސް.އެމްއަށް ކިޔައިދިނެވެ. އެގޮތުން އޭނާ ބުނީ އޭނާއަށް މިދާއިރާއިން މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާއަކީ ސިންގަޕޫރުގައި މިދިޔަ އަހަރު 12 ބުރީގެ އިމާރާތެއް އެންމެ ދެ ދުވަސް ތެރޭގައި ޕެއިންޓްކޮށް ނިންމާލުން ކަމަށެވެ. މިކަން ވެގެންދިޔައީ މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންކަމަށާއި އެ މަސައްކަތާއި ދޭތެރޭ އޭނާ ވަރަށް ހިތްހަމަ ޖެހޭކަމަށް މެޓް ބުންޏެވެ. 

މިނިވަން ދުވަހާއި ގުޅިގެން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތަކީ ސްޓްރީޓް އާރޓް ފެސްޓިވަލެވެ. ރާއްޖެއިން ބޭރުގެ ފަންނާނުން ގެނެސްގެން ބާއްވާ މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރު ނެޝަނަލް އާރޓް ގެލެރީގައެވެ. އޮސްޓްރޭލިއާގެ މަޝްހޫރު 2 ފަންނާނުންގެ އިތުރުން ރާއްޖޭގެ 3 ފަންނާނުން ބައިވެރިވެގެން ކުރިއަށްގެންދާ މި ހަރަކާތް ޖުލައި  17ވަނަ ދުވަހުން ފެށިގެން އެގްޒިބިޝަނެއްގެ ގޮތުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. 

މި ސްޓްރީޓް އާރޓް ހަރަކާތް މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.