ސަރުކާރުން މިއަހަރު ތެރޭ ގެންނަން ރާވާފައިވާ ބަދަލުތަކަކީ ރާއްޖެއަށް މާލީގޮތުން ހުރި ހިރާސްތައް ކުޑަކޮށް، އިޤްތިސާދީ ހަމަޖެހުމަށް މުހިއްމު ބަދަލުތަކެއް ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ބުނެފިއެވެ.
މާލީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އައިއެމްއެފުން ފާހަގަކޮށްފައިވަނީ ރާއްޖޭގެ މާލީ ހާލަތު ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދިޔަ "އާޓިކަލް ފޯ" ކޮންސަލްޓޭޝަނަށްފަހު ނެރުނު ނޫސް ބަޔާނުގައެވެ.
އައިއެމްއެފުން ނެރެފައިވާ ނޫސްބަޔާނުގައިވަނީ ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. މިއީ ފަތުވެރިންގެ އަދަދު އިތުރުވުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން ފެނިގެންދާނެ ކުރިއެރުންތަކެއްގެ ގޮތުގައި އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް ދަރަނި ދެއްކުމުގެ ބުރަ އުފުލަން ޖެހޭ ދުވަސްތައް ކުރިއަށް އޮތްކަން އެއިދާރާއިން ފާހަގަކުރެއެވެ. މިއާއެކު ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ވީހާ އަވަހަށް ތަންފީޒުވުން މުހިންމުކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.
އައިއެމްއެފުން ވަނީ ރާއްޖެއަށް ގެންނަމުންދާ އިސްލާހީ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދަރަންޏާއި ބެހޭ ޤާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ހިމެނެ ކަމަށާއި އާސަންދަ ނިޒާމުގެ ތެރެއިން އިސްލާހީ ބަދަލުތަކެއް ގެނެސްފައިވާތީ އެކަމަށްވެސް ތަޢުރީފްކޮށް މިއަހަރު ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހިމެނިފައިވާއިރު، މި ބަދަލުތައް އަވަހަށް ތަންފީޒުކުރުން މުޙިއްމުކަމަށް އައިއެމްއެފުން ބުނެއެވެ.
މިއަހަރު އިފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ، 2.3 އިންސައްތައިގައެވެ. މިއީ މައިގަނޑުގޮތެއްގައި އިމްޕޯޓު ޑިއުޓީއަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށް އައިއެމްއެފުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި އިންފްލޭޝަން ރޭޓަށް އަންނަ ބަދަލުތައް ގާތުން ބަލާ، ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ފިޔަވަޅުތައް އަވަހަށް އެޅުން މުހިއްމުކަމަށްވެސް އައިއެމްއެފުން ވަނީ ބުނެފައެވެ.
އައިއެމްއެފުން ބުނީ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުކުރާ ޤައުމަކަށްވާއިރު، މޫސުމީގޮތުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތައް ހޯދުމަށް އިތުރު މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބަލައިގަންނަކަމަށް އައިއެމްއެފުން ބުނެފައިވާއިރު، އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހާއްސަ އޮފީހެއްވެސް މާލީ ވުޒާރާގެ ދަށުން ވަނީ ޤާއިމްކޮށްފައެވެ. އެ އޮފީހަކީ ދައުލަތު މާލީކަންކަން ހަރުދަނާކުރުމާއި، ޚަރަދުކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާވާފައިވާ އޮފީހެކެވެ.