މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ލީގުގައި ކްލަބް ވެލެންސިޔާ ބަލިކޮށް ކްލަބް އީގަލްސް އިން މުބާރާތުގެ ސެމީފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.
ރޭ ރަސްމީ ބޯޅަދަނޑުގަ ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ 1-0 ނެވެ. މެޗުގަ އީގަލްސްއަށް ލަނޑުޖަހައިދިނީ މެޗު ނިމެންދަނިކޮށް އަބްދުﷲ ޒުހާން މުހަންމަދެވެ. މެޗުގެ ދެވަނަ ހާފުގައި އީގަލްސްގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ. އޭގެތެރޭގައި ވެލެންސިޔާ ކެޕްޓަން ލަހުފާން އަހުމަދު ޝަހީމް ފޮނުވާލި ހަމަލާއަކާއި، އަދި މެޗުގެ ފަހުވުގުތު ވެލެންސިޔާއަށް ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއް ފާހަގަކޮށްލެވެއެވެ.
މި މެޗުން އީގަލްސް މޮޅުވި ނަމަވެސް އީގަލްސް ވަނީ ގުރޫޕުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވެފައެވެ. ދެވަނަ މެޗުގައި އީގަލްސް ވަނީ ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދާފައެވެ. މި ނަތީޖާއާ އެކު މި ގުރޫޕުގެ އެއްވަނައިގަ އޮތީ މިހާތަނަށް ކުޅުނު ދެމެޗު ވެސް ކާމިޔާބު ކުރި މާޒިޔާއެވެ. އީގަލްސްއަށް 6 ޕޮއިންޓް ލިބިފަވަނީ ތިންމެޗު ކުޅެގެންނެވެ. ވެލެންސިޔާ ދެމެޗުން 6 ޕޮއިންޓު ހޯދިއިރު، ބުރު ސްޕޯޓްސް ކުލަބުން ތިން ޕޮއިންޓް ހަމަކޮއްފަވަނީ ތިން މެޗު ކުޅެގެންނެވެ. ގްރީން ސްޓްރީޓްސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.
އިއްޔެ ހަވީރު މުބާރާތުގައި ބުރު ވަނީ ގްރީން އަތުން 4-1 ލަނޑުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގައި ބުރުގެ އައްފާން ބިން އަހުމަދު ވަނީ ހެޓްރިކް ހަދާފައެވެ. އެނާ ފުރަތަމަ ލަނޑު 15 ވަނަ މިނިޓުގައި ކާމިޔާބު ކުރިއިރު، ދެވަނަ ލަނޑުޖެހީ 30 ވަނަ މިނިޓުގައެވެ. އަދި އައްފާން ހެޓްރިކް ފުރިހަމަކޮއްފަވަނީ މެޗު 42 ވަނަ މިނޓުގައި ޖެހި ލަނޑާއެކުއެވެ. މެޗުގައި ބުރު ސްޕޯޓްސް ކުލަބުން ޖެހި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގަ ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮއްދިނީ އަޒުހަދު މުހައްމަދު ޒާހިދުއެވެ. ގްރީން ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ މައީޝް މުހައްމަދު ރަޝީދެވެ.
މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑަށެވެ. މިއީ އެފްއޭއެމްއިން މި އަހަރު ކުރިއަށްގެންދާ ރަސްމީ ފުރަތަމަ މުބާރާތެވެ.