ޚަބަރު

ސްރީ ލަންކާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


  • ވަޒީރު ޑރ. ޚަލީލު ވަނީ ލަންކާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައި

  • އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައި

ސްރީ ލަންކާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފޭއަރސް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކި ދާއިރާތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ވިޔަފާރީގެ ދާއިރާއިން ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ފަހިކޮށްދިނުމަށް ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ގާއިމްކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެއްވި އިތުރު ކަންތައްތަކުގެތެރޭގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެޤައުމު ގުޅިގެން ބައިންލައަޤްވާމީ އަދި ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ވަނީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސްރީ ލަންކާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ސްރީ ލަންކާއަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި، ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔެއާ ބައްދަލުކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަ ބައެއް ފަރާތްތަކާއެކު ބައްދަލުކުރައްވާ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފޭއަރސް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މިމަހުގެ 21 ގެ ނިޔަލަށެވެ.