ޚަބަރު

އެސްޓަން ވިލާ އާއި ލިވަޕޫލް އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މި މެޗު އެއްވަރުވެ ލިވަޕޫލް އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ ކުރީގައި އަށް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ 26 މެޗުން 61 ޕޮއިންޓު ލިބިފަ އެވެ. އެސްޓަން ވިލާއަށް 26 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި ސަލާ ޖެހި ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި 24 ލަނޑު ޖަހާ 15 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.

ލިވަޕޫލް އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ނުވަ މިނިޓު ފަހުން އެސްޓަން ވިލާގެ ޔޫރީ ޓިއެލެމަންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް އެސްޓަން ވިލާއަށް ކުރި ހޯދަދިފަ އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އާއި އަލަށް ގުޅުނު މާކަސް ރަޝްފޯޑް އެސްޓަން ވިލާގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ރަޝްފޯޑް ފޮނުވާލި ބޯޅައެއް ވެންޑައިކްގެ ގައިގައި ޖެހިފައި ގޯލު ތެރެއަށް ވަން ނަމަވެސް ރެފްރީ ވަނީ އެއި އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

ލިވަޕޫލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި އެލެކްޒެންޑަރ އާނޯންލޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެސްޓަން ވިލާ އާއި ލިވަޕޫލް އެއްވަރުވެފައިވާއިރު އަންނަ އާދިއްތަ ދުވަހު ލިވަޕޫލް ނިކުންނާނީ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ. އަދި އެ މެޗުން އެ ޓީމަށް ތިން ޕޮއިންޓު ލިބިއްޖެނަމަ މި ފަހަރުގެ ލީގު ޗެމްޕިއަންކަން އެ ޓީމުން ހޯދުމަކީ ވަރަށް ކައިރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.