ކުޅިވަރު

ނިއުޒިލެންޑް އަތުން ޕާކިސްތާން ތިން ބަލިވެއްޖެ، ދެން އޮތީ ޕްރެޝަރު


ޖެހިޖެހިގެން ތިންވަނަ މެޗަކުން ނިއުޒިލެންޑް އަތުން ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެއެވެ.

އަމިއްލަ ގައުމުގައި ފެށި ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ނިއުޒީލޭންޑް އަތުން ޕާކިސްތާން ބަލިވީ 60 ލަނޑުންނެވެ.

މި މެޗުގެ ކުރިން މި މުބާރާތަށް ތައްޔާރުވާން މި ދެ ގައުމު ޕާކިސްތާނުގައި ކުޅުނު ދެ މެޗުން ވެސް ބަލިވީ ޕާކިސްތާނެވެ.

ދުނިޔޭގެ އެންމެ ގަދަ އަށް ގައުމު ވާދަކުޔރާ މުބާރާތް ހުޅުވަން ކަރާޗީގެ ނެޝަނަލް ސްޓޭޑިއަމުގައި ނިއުޒީލޭންޑް ނިންމީ ބެޓް ކުރާށެވެ. އެ ގައުމުން 50 އޯވަރު ނިންމާލީ 320 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން ނުކުމެ 47.2 އޯވަރު ކުޅުނުއިރު ޕާކިސްތާން ބަލިވީ 260 ލަނޑުންނެވެ.
މި ނަތީޖާއާއެކު ޕާކިސްތާނަށް ވަނީ މުބާރާތުގެ ދެ ވަނަ ބިރަށް ދިއުމަށް ބާކީ އޮތް ދެ މެޗުން ކާމިޔާބު ކުރާށެވެ. އެއީ ދުބާއީގައި އިންޑިޔާއާ އެކު ކުޅޭ މެޗާއި އަމިއްލަ ގައުމުގައި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މެޗުގައި ނިއުޒީލޭންޑުން އެންމެ ރަނގަޅަށް ކުޅުނީ ސައްތަ ހެދި ވިލް ޔަންގާއި ޓޮމް ލަތަމް އެވެ. ޔަންގް ވަނީ 113 ބޯޅައިން 107 ލަނޑު ހަދައިފަ އެވެ. ލަތަމް 118 ލަނޑު ޖެހީ 104 ބޯޅައިންނެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ކުރީގެ ކެޕްޓަން ބާބަރު އަޒަމް އާއި ހުޝްދިލް އެވެ. ބާބަރު 90 ބޯޅައިން 64 ލަނޑު ހެދިއިރު ހުޝްދުލް 69 ލަނޑު ހެދީ 49 ބޯޅައިންނެވެ.

މި މެޗުގައި ނިއުޒީލޭންޑުގެ ރޯކޭ އާއި ސަންޓާނާ ވަނީ ކޮންމެ ކުޅުންތެރިއަކަށް ތިން ވިކެޓް ނަގައިފަ އެވެ. ޕާކިސްތާނުގެ ކުޅުންތެރިންގެ ތެރެއިން ނަސީމް ޝާހު އާއި ހާރިސް ރައުފް ކުރެ ކޮންމެ ކުޅުންތެރިއަކަށް ނެގުނީ ދެ ވިކެޓެވެ. ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީ އަށް 10 އޯވަރު އުކައިގެން އެންމެ ވިކެޓެއް ވެސް ނުނެގުނުއިރު އޭނާގެ ކޮންމެ އޯވަރެއްގައި އިދިކޮޅު ޓީމުން ވަނީ 6.80 ލަނޑު ހަދައިފަ އެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.

މީގެ ތެރެއިން އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖައްސާފައިވަނީ ދުބާއީގަ އެވެ. އެއީ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ފޮނުވަން ދެކޮޅު ހެދުމުންނެވެ. އެއީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒާތީ އަރައިރުމަކާ ހެދި އެވެ. މިހެންވެ ޕާކިސްތާން ވެސް އިންޑިޔާ މެޗު ކުޅުމަށް ދާން ޖެހޭނީ ދުބާއީ އަށެވެ.