ޚަބަރު

ރޯދައަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަދި އަލުވި އަގުހެޔޮކޮށް ވިއްކަން ފަށައިފި


  • މިތަކެތި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ

ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އަސާސީ ބާވަތްތަކުގެ މުދާ އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

ރޯދަމަހު އަސާސީ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމުގެ ގޮތުގެ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ކޮންމެ އަހަރަކުވެސް އަސާސީ މުދާ ހެޔޮ އަގުގައި ދަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ރޯދަމަހަށް ޙާއްސަކޮށްގެން މުދާތައް ގެންނަން ފަށާފައިވާއިރު އެ ކުންފުނިން ގެނެސްފައިވާ ފިޔާ، ބިސް، އަލުވި އަދި ލުނބޯ މިހާރު ވަނީ ވިއްކަން ފަށާފައެވެ. އަދި މިތަކެތި އެސްޓީއޯއިން ވިއްކަނީ ބާޒާރުގައި އާންމުކޮށް މިހާރު ހުރި ވަރަށް ވުރެ އަގު ހެޔޮކޮށެވެ.

  • ބިސް ކޭހެއް - 320 ރުފިޔާއަށް (ވަކިން 2ރ. ބިހެއް)
  • އަލުވި ބަސްތާއެއް - 310 ރުފިޔާއަށް (18ރ. ކިލޯއެއް)
  • ފިޔާ ބަސްތާއެއް - 310 ރުފިޔާއަށް (14ރ. ކިލޯއެއް)
  • ލުނބޯ [5 ކިލޯގެ ކޭހެއް] - 145 ރުފިޔާއަށް (40ރ. ކިލޯއެއް)

އެސްޓީއޯއިން އަގުހެޔޮކޮށް އެތެރެކޮށްފައިވާ މި ތަކެތި އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ގަނޑުކޮށް ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން ރީޓެއިލްކޮށް މިތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިންސްއިން ލިބޭނެއެވެ.

މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިގޮތަށް ބަދަލު ގެނެވޭއިރު ވަކި ސަރަހައްދުތަކުގައި އަގު އުފެލޭނަމަ އެކަމަށް ރިއާޔަތްކޮށްވެސް އަގުތަކަށް ބަދަލު ގެންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. މި ނޫން ހުރިހާ ހާލަތެއްގައި އެސްޓީއޯގެ ސަރަހައްދީ ސެންޓަރުތަކުން އެއް އަގެއްގައި ތަކެތި ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.