ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އައްޔަންކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވިދާޅުވީ އެ މަޤާމަށް އަމްޖަދު މުސްތަފާ އައްޔަންކުރީ ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އިސްތިއުފާ ދެއްވުމުންކަމަށެވެ.
ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވިދާޅުވީ އެމަޤާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ މެދުގައި ކުރިއަށްގެންދިޔަ އިންޓަވިއުގައި އެންމެ މަތީން މާކްސް ލިބިފައިވަނީ އަމްޖަދު މުސްތަފާއަށްކަމަށެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އައްޔަންކުރި އަމްޖަދު މުސްތަފާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީއާއި އިނގިރޭސި ވިލާތުގެ އެންޑް ގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނަސް އެންމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލުކުރައްވާފައެވެ.
އަމްޖަދު މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 30500 ރުފިޔާ، އަދި އެހެނިހެން އިނާޔާތްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި 47500 ރުފިޔާ ލިބޭނެއެވެ.