ހުޅުމާލެ ހިޔާ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ފުރަތަމަ 4 ޓަވަރުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ނިޔަލަށް ނިންމާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ 16 ޓަވަރެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ލިފްޓްގެ ފައުންޑޭޝަނާ ގުޅޭ މަސައްކަތްތައް ހުރިހާ ޓަވަރުތަކުގައި ކުރިއަށްދާކަމަށާއި، ޓަވަރުތަކުގެ ބޭސްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އޭގެތެރޭގައި ބޭސްމަންޓުގެ ލައިޓްތަކާއި ފެނާއި ކަރަންޓު ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހިޔާގެ ފުރަތަމަ 4 ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެ ހަތަރު ޓަވަރުގައި ލިފްޓްގެ ސްޓީލް ސްޓްރަކްޗަރގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހިޔާ އެޗް-1، އެޗް-2، އެޗް-3 އަދި އެޗް-4 ގެ މަސައްކަތް އެޕްރީލް މަހުގެ ނިޔަލަށް ނިންމާނެކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމްލަ 32 ލިފްޓެވެ.
މި މަސައްކަތާއެކު، ހިޔާ ފްލެޓްތަކުގެ ލިފްޓަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެއެވެ. ފްލެޓްތަކުގެ ލިފްޓް މަދުވުމުގެ ސަބަބުން މިހާރު، ލިފްޓް ކައިރީގައި މީހުން ތޮއްޖެހި، ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ ފްލެޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާ ގާތްކުރެއެވެ. މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަ މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.