ޚަބަރު

ވަގުތުން ޑޮލަރު މާރުކުރެވޭގޮތަށް އެމްއައިބީން ގެނައި ބަދަލާއެކު ވިޔަފާރިތަކަށް ލުޔެއް


  • މިޚިދުމަތް ލިބޭނީ ފައިސާނެޓް މެދުވެރިކޮށް

ވަގުތުން ޑޮލަރު މާރުކުރެވޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން އިންޓަނެޓް ބޭންކިންގ ނިޒާމަށް ގެނައި ބަދަލާއެކު ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބޭނެކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.

އެމްއައިބީން ތަޢާރަފްކޮށްފައިވާ މިޚިދުމަތަކީ ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފްކޮށްފައިވާ ޚިދުމަތެއްކަމަށާއި މިޚިދުމަތުގެ ސަބަބުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް އޮންލައިންކޮށް ބޭރުފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެކަމަށް އެބޭންކުން ވިދާޅުވެއެވެ.

މިޚިދުމަތް ލިބޭނީ އެމްއައިބީގެ އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމް ފައިސާނެޓް މެދުވެރިކޮށެވެ. އެގޮތުން ޑޮލަރު މާރުކުރަން ބޭނުންވާ ފަރާތްތަކުން އިންޓަނެޓް ބޭންކިންގްއަށް ލޮގިންވެ، ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ޑޮލަރު މާރު ކުރުމުން އެފަރާތެއްގެ އެކައުންޓަށް ވަގުތުން ރުފިޔާ ޖަމާވާނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.

އެމްއައިބީން މިޕްލެޓްފޯމް މެދުވެރިކޮށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާ އަށެވެ. މިއީ ރާއްޖޭގައި ބޭންކުތަކުން ޑޮލަރު ގަނެވިއްކާ ރޭޓެވެ.

ބީއެމްއެލްއިންވެސްވަނީ އިންޓަނެޓް ބޭންކިން ޚިދުމަތް މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރެވޭ ގޮތް ހަދާފައެވެ.

ބޭރުފައިސާއާއި ބެހޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ފަތުރުވެރިއަކަށް، ބޮލަކަށް ޖެހޭ ނިސްބަތުން ވަކިވަރެއް ރާއްޖޭގެ ހިންގާ ބޭންކުތަކަށް މާރުކުރުމަށް އެ ވިޔަފާރިތަކަށް ލާޒިމްކުރެއެވެ.

އެގޮތުން ރިޒޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭއިރު، ގެސްޓް ހައުސްތަކުން މާރުކުރަން ޖެހޭނީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރެވެ. އެހެންނޫންނަމަ ދެ ގިންތީގައިވެސް ހިމެނޭ ވިޔަފާރިތަކުން މީލާދީ މަހެއްގެ ތެރޭގައި އެފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ 20 އިންސައްތަ މާރުކުރުމުގެ ފުރުސަތު ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ.

މި ޤާނޫނު ތަންފީޒު ކުރަން ފެށުމާއެކު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް، ބޭންކުތަކަށް ބޭރުފައިސާ މާރުކުރުމަށް ތިން މަހުގެ މުއްދަތެއް ލިބެއެވެ.

އެމްއެމްއޭން ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާކަމަށެވެ. އަދި މި މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން %90 ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާކަމަށްވެސް އެމްއެމްއޭންވަނީ ވިދާޅުވެފައެވެ.