ށ. ފުނަދޫގެ އަމާންވެށި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ވަޒީރު އައިޝަތު ޝިހާމް ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރަށް ޒިރާތްކުރައްވާ އެތާންގެ ކައުންސިލާއި އެތާގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިޙާމްގެ މި ދަތުރުފުޅަކީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އަދި ހަމައެއާއެކު ކަމާ ގުޅުންހުރި އިދާރާތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް ފުޅާކުރުމާއި އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށް، ކުރެވެން ހުރި ކަންކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ވަޒީރު ވަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާ ތަނުގައި މަސައްކަތްކުރައްވާ ސްޓާފުންނާއި ބައްދަލުކުރައްވާފަ އެވެ. އޭގެ އިތުރުން އަމާންވެށީގައި ތިބި ކުދިންނަށް ވަޒީރު ވަނީ ޒިޔާރަތްކުރައްވާ، އެ ކުދިންގެ ޙާލު ބައްލަވައި، އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރަށް ޒިޔާރަތް ކުރައްވާ ވަޒީރު ވަނީ އެސްސީއެސްސީއާއި، އަމާންވެށިން ދެމުން ގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ ކަންކަން ފަހިކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
"މިނިސްޓްރީގެ ފަރާތުން އަމާންވެށީގެ ކަންކަން ހަރުދާންކުރުމަަށް މަސައްކަތް ކުރާނަން. ފުނަދޫގެ މިތަނަކީ ފާހަގަކޮށްލެވޭ ތަނެއް. މަސައްކަތްތައް ވަރަށް ރަނގަޅު. ހަމަ އަމިއްލަ އިސްނަގައިގެން މަތަނުގެ ބޭފުޅުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ" ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި، ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތްތައް އެވުޒާރާއިން ކުރަމުން ގެންދާއިރު، އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ. އަތޮޅު އެފްސީއެސްސީގައި މަސައްކަތްކުރައްވާ ސްޓާފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.