ޚަބަރު

ވަޒީރު ޑރ. މާރިޔާ ތޮއްޑޫ ދަނޑުވެރިންނާ ބައްދަލުކުރައްވައިފި


  • ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި

  • ދަނޑުވެރިކަމަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ދަނޑުވެރިންނާއި ބައްދަލުކުރައްވައި ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ. ތޮއްޑޫއަކީ ދަނޑުވެރިކަމުގައި މަޝްހޫރު ރަށެކެވެ.

މި ދަތުރުފުޅަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ވަޒީރު މާރިޔާ ވަނީ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ތޮއްޑޫގެ ދަނޑުތަކަށް ޒިޔާރަތްކުރައްވާފައެވެ. ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެ ކަމަނާ ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އަދި ދަނޑުވެރިންނަށް އެހީތެރިވުމަށް ކުރިއަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މި ދަތުރުފުޅުގައި ވަޒީރު މާރިޔާ ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޢަމަލީ ހައްލުތައް ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއެކު ވުޒާރާއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް، ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދުމަށް މީހުން ޒިޔާރަތްކުރާ މަންޒިލަކަށް ހެދުމުގެ ވިސްނުމާއި، އެ ލަނޑުދަނޑި ހާސިލުކުރުމަށް ކައުންސިލާއި ދަނޑުވެރިންނާއެކު ސަރުކާރުން މަސައްކަތްކުރާނެގޮތްތަކާއި ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މަޝްވަރާކުރައްވާފައެވެ.

ދަނޑުވެރިންގެ ކަންބޮޑުވުންތައް ރަށްރަށް ވަޑައިގެން ވަޒީރު އަޑުއެއްސެވަން ފައްޓަވާފައިވާއިރު، އެކަމަނާ ވަނީ ރިސޯޓުތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތް ވެސް ފައްޓަވާފައެވެ.

އެއީ ރިސޯޓުތަކާއި އެ ވުޒާރާ އާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަނެ، ރިސޯޓަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެރަށުގެ ދަނޑުތަކުގައި ހައްދާ ގޮތްތަކުގެ މައުލޫމާތު އޮޅުންފިލުވުމަށް ފެއްޓެވި މަސައްކަތެކެވެ.