ކުޅިވަރު

އޭޝިއާގެ ބަޑިޖެހުމުގެ މުބާރާތުން ކާމިޔާބީ ހޯދި ޓީމަށް ހޫނު މަރުހަބާއެއް


ތައިލެންޑުގައި ކުރިޔަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގަ ކާމިޔާބީ ހޯދި ޓީމު އެނބުރި ރާއްޖެއައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ޓީމަށް މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލްއެވެ.

މިޓީމަށް މަރުހަބާ ދެންނެވެމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒް އާއި އޮލިންޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް ތަމޫޙް އަހުމަދު ސައީދު ވަނީ ބައިވެރިވަޑައިގެންފައެވެ.

މަރުހަބާ ދެންނެވުމުގައި ޓީމާ ބައްދަލުކުރައްވާ ސްޕޯޓްސް ކޮމިޝަނަރު ތަލާލް ވަނީ ޓީމު ހޯދީ ވަރަށް ހިތްވަރުގަދަ ފަހުރުވެރި ކާމިޔާބެއްކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ޝޫޓިންގެ ހާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ޝޫޓިން އިން އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާކަމަށް ތަލާލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޝޫޓިން ޓީމު އެނބުރި މާލެއައުމުން ޝޫޓަރުންގެ އާއިލާތަކާއި ކޮމިއުނީޓީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ތައިލެންޑުގައި މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެންމެ ތިން މަސްދުވަހުގެ ޓްރެއިނިންއަކަށްފަހު ޤައުމީ ޓީމް މި މުބާރާތަށް ފުރިއިރު، މި މުބާރާތުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިޞްބާޙްވެސް ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. އީޝަލް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފައިވަނީ ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.