ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް ޚާއްޞަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބޮޑުބެރު މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ބީސީސީއިން ވިދާޅުވީ، ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ. ބީސީސީއިން ވިދާޅުވީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޮޑުބެރު މުބާރާތަކީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން މި ދާއިރާއަށް އައު ތަރިންތަކެއް ނެރެދޭނެ ވާދަވެރި މުބާރާތަކަށްވެގެންދާނެ ކަމަށެވެ.
@MoEDmv އާއި ގުޅިގެން @BCC_mv އިން ގެނެސްދެނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޮޑުބެރު މުބާރާތް! މިއީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން މި ދާއިރާއަށް އައު ތަރިން ނެރެދޭނެ ވާދަވެރި މަންސައެއް pic.twitter.com/6FDCPlViwA
— Expo Maldives (@mv_expo) February 17, 2025
މި މައުރަޒާ ދިމާކޮށް ބީސީސީއިން ވަނީ ޓިކްޓޯކް ޗެލެންޖެއްވެސް ފަށައިފައެވެ. މި ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުން ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއެއް ހުށަހަޅަންޖެހޭނެއެވެ.
ދިވެހިންގެ އުފެއްދުންރެތިކަމުގެ މައުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ޚާއްޞަ މައުރަޒެކެވެ.
މި މައުރަޒުގައި އެކިއެކި ދާއިރާތަކުން ދިވެހިންގެ އުފެއްދުންތެރިކަން ފެންނާނެކަމަށާއި އަދި މިއީ ދިވެހިންގެ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް ބީސީސީއިން ވިދާޅުވެއެވެ. ހަމަމިއާއެކު މުޅި ރާއްޖެއަށް ހުޅުވައިލައިގެން ވާދަވެރި ގޮތެއްގައި ބާއްވާ މި މައުރަޒުގެގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުން ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށްދާނެކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބީސީސީއާ ގުޅިގެން ކުރިއަށް ގެންދާ މި މައުރަޒުގައި ޖުމްލަ 7 ދާއިރާއަކުން 15 ގިންތިއަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މަޢުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މަޢުރަޒެކެވެ. މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ބާއްވާ މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.