ޚަބަރު

ތާރީޚީ ރިހި މެޑެއްޔާއެކު އީޝަލްގެ އަމާޒު އޮލިމްޕިކްސްއިން މެޑެލް ހޯދުމަށް


‎އަމާޒަކީ އޮލިމްޕިކްސްގައި މެޑަލްއެއް ހޯދުން ކަމަށް އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިސްބާހް ބުނެފިއެވެ.

މަޖީދިއްޔާ ސުކޫލުގައި ތައުލީމު ހާސިލްކުރާ 15 އަހަރުގެ އީޝަލް ރިހި މެޑަލް ހޯދީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިންނެވެ.

އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައެވެ.

ފަހަތުން އަރަމުން އަރަމުން އައިސް އީޝަލް ފައިނަލަށް ދިޔައީ ކޮލިފިކޭޝަން ބުރުގައި 4 ވަނަ ހޯދައިގެންނެވެ.

ފައިނަލަށް ދަތުރުކުރިގޮތް “ޕީއެސްއެމް ނިއުސް” އާއި ހިއްސާކުރަމުން އީޝަލް ބުނީ އެލިމިނޭޝަން ރައުންޑުން ދެޝޮޓުން ބަލިވިނަމަވެސް ދެން ކޮންމެ ރައުންޑެއްގައި ދިޔައީ އަރަމުން ކަމަށެވެ.

ޖުމްލަ 8 ޝޫޓަރުން ފައިނަލަށް ދިޔައިރު، އީޝަލް ބުނީ ބަޑިޖަހަންވީ ޓާގެޓް އެލައިންކޮށް ޕޮޒިޝަންކޮށް މެޗު ފަށައިގެން ފަސް ވަޒަނުގައި ދެވަނަ ރައުންޑުގައިވެސް ފަސް ޝޮޓުން އޭނާ އޮތީ ފުލުން ދެވަނައިގައި ކަމަށެވެ.

8 ވަނައިގައި ފަށައިގެން ‎ކޮންމެ ދެ ޝޮޓަކުން އެލިމިނޭޓުވަމުންގޮސް، މައްޗަށް އަރަމުން ދިޔައިރު އޭނާއަށް ލިބުނީ ދެވަނަ އެވެ.

އީޝަލް ބުނީ މި ކާމިޔާބީއަށް މާތް‎ﷲ އަށް ހަމްދުކުރާ ކަމަށާއި، ސުކޫލު ޓެސްޓްތެރޭގައި މި މުބާރާތަށް ފޮނުވީތީ މަންމައާއި ބައްޕައަށް ޝުކުރުވެރިވާ ކަމަށެވެ.

މި ކާމިޔާބީ ހޯދުމުގައި ކޯޗުންގެ އެހީތެރިކަން ވަރަށް ނޮޑަށް ލިބުނު ކަމަށާއި ޕްރެޝަރ ހޭންޑްލްކޮށްގެން ކުރިޔަށްދާން މަސައްކަތް ކުރި ކަމަށްވެސް އީޝަލް ބުންޏެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ތަހްނިޔާ ވިދާޅުވުމުންނާއި މުޅި ގައުމުން އީޝަލްގެ ކާމިޔާބީ ފާހަގަކުރުމުން ވަރަށް ފަހުރުވެރިވާކަމަށް އޭނާ ބުންޏެވެ.