ޚަބަރު

މަރްމޫޝްގެ ހެޓްރިކާއެކު ސިޓީ ހަތަރުވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި އުމަރު މަރްމޫޝް ހެދި ހެޓްރިކާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ ހަތަރުވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ކާމިޔާބުކުރުމާއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން 44 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވާ 41 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތްވަނައިގަ އެވެ.

ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާގައި ޖަރުމަނުގެ އެންޓްރެކްޓް ފްރެންކްފަރޓް އިން 59 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ސިޓީ އާއި ގުޅުނު މިސްރުގެ މަރްމޫޝްގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އޭނާ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި 14 މިނިޓުގެ ތެރޭގައި ހެޓްރިކެއް ހަދާފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި އެޑަސަންގެ ޕާހަކުން މަރްމޫޝް ވަނީ ލަނޑު ޖަހާ ނިއުކާސަލްގެ ގޯލު ހުޅުވާލާފަ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި މަރްމޫޝް ވަނީ ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މި މެޗުގައި މަރްމޫޝް ހެދި ހެޓްރިކާއިއެކު އޭނާ ވެގެންގޮސްފައިވަނީ ލީގުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ސިޓީގެ ހަތަރުވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. މެންޗެސްޓަރ ސިޓީއަށް އެންމެ އަވަހަށް ހެޓްރިކެއް ހަދާދީފައިވަނީ 2015 ވަނަ އަހަރު 9 މިނިޓުގެ ތެރޭގައި ހެޓްރިކް ހެދި ސަރޖިއޯ އަގުއެރޯ އެވެ.

މެންޗެސްޓަރ ސިޓީ އިން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި އަލަށް ގުޅުނު ނިކޯ ގޮންޒާލޭޒްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. މީގެ އިތުރުން ޖެކް ގްރީލިޝްގެ ބަދަލުގައި ފުރަތަމަ ޓީމުން ޖާގަ ހޯދަމުންދާ ސަވީނިއޯގެ ފަރާތުންވެސް މި މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފަ އެވެ.

އަނިޔާގެ ސަބަބުން ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނާއެކު ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް ނަތީޖާތައް ނެރެން ފަށާފަ އެވެ.