އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އެވަޓަން މޮޅުވެއްޖެއެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އެވަޓަންގެ ބެޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ އަލްކަރޭޒް ދިން ޕާހަކުންނެވެ.
އެވަޓަން އިން ލަނޑެއް ޖަހައި ކުރި ހޯދިތާ މިނިޓެއް ފަހުން ކްރިސްޓަލް ޕެލަސް އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އިސްމައިލާ ސާރ އަށް ލިބުނު ފުރުސަތުގައި އޭނާ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޝޯން-ފިލިޕް މަޓޭޓާ އެވެ. މި ލަނޑަކީ އޮފްސައިޑުގައި ހުރެފައި މަޓޭޓާ ޖެހި ލަނޑެއްތޯ ބެލުމަށް ވީޑީއޯ އެސިސްޓެންޓް ރެފްރީންގެ އެހީތެރިކަން ހޯދި ނަމަވެސް އެއީ ރަގަޅު ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.
މި މެޗުން އެވަޓަން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކާލޯސް އަލްކަރޭޒް އެވެ. މިއީ އޭނާ ޕްރިމިއާ ލީގު މެޗެއްގައި ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ ފަހަރެވެ. އަލްކަރޭޒް އެވަޓަން އާއި ގުޅިފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ބްރެޒިލްގެ ފްލެމިންގޯ އިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި މެޗުން މޮޅުވުމާއެކު އެވަޓަންގެ ކޯޗު ކަމާއި ޑޭވިޑް މޯޔޭސް ހަވާލުވުމަށްފަހު ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އަދި ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ.
އެވަޓަން އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ އަށް އަރާފަ އެވެ. އަދި ރެލިގޭޝަން ޒޯނަށްވުރެ އެ ޓީމަށް ވަނީ 13 ޕޮއިންޓު އިތުރަށް ލިބިފަ އެވެ. ކްރިސްޓަލް ޕެލަސް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.