މިއަހަރުގެ ރަމަޟާންމަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ޚަތީބުންގެ ޓީމަކުންކަމަށް ކަނޑައަޅަފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި މި އަހަރު ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ޒުވާން ޚަތީބުންގެ ޓީމަކުން ކަމަށެވެ. އެގޮތުން އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅޭނީ ފަހު ދިހައިގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފްއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުންކަމަށެވެ. މި އިމާމުންގެ ތެރޭގައި ހިމެނޭ ސަލްމާންއާ ސުލްތާން އަކީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފްގެ ދެ ބޭފުޅުންނެވެ. ސުލްތާން އަކީ މަދީނާގައި ކިޔަވާ ދަރިވަރެކެވެ. މިދިޔަ އަހަރުވެސް މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރީ ސުލްތާނާއި ސަލްމާނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޒުވާން އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 270 ޚަޠީބުންވަނީ ތަމްރީނުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީނުކުރުމެވެ. މި ޕްރޮގްރާމްއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ އިމާމުންގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.