ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކުރުމުގެ ގޮތުން އަހަރީ ރިޕޯޓުތައް ހުށެހުޅުމުގައި ހުރި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ މި އަހަރުގެ މާޗު މަހުގެ ކުރިން އަހަރީ ރިޕޯޓު ހުށަހަޅާއިރު މައްސަލަ މުޅިން ހައްލުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގުކުރެވުނީ ފައިސާ އާއި ހިސާބުތައް ބެލެހެއްޓުމުގެ މައްސަލަތަކުގެ އިތުރުން ހިންގާ ގަވާއިދުގެ ފުށުއެރުންތައް ކަމަށްވެސް ވިދާޅުވިއެވެ.
"ދޭއް ނުވަތަ ތިން އެސޯސިއޭޝަނެއް ފިޔަވައި ހުރިހާ އެސޯސިއޭޝަނެއްގެ ހިންގާ ގަވާއިދު ވަނީ އިސްލާހުކުރެވިފައި. ކުޅިވަރު ގާނޫނާއި، އިންޓަރނޭޝަލް އިންސްޓިޓިއުޓްތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ހިންގާ ގަވާއިދުތަކެއް މިހާރު އެސޯސިއޭޝަންތަކުގައި ހުންނާނެ ކަމަށް އަޅުގަނޑަށް ޔަގީންކަން ދެވިދާނެ." ޠަލާލް ވިދާޅުވިއެވެ.
ވަކި މުއްދަތެއް ތެރޭގައި ކުޅިވަރު އެސޯސިއޭޝަންތުކުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ޖެހެއެވެ. އަދި އަހަރީ އާއްމު ޖަލްސާގައި އެސޯސިއޭޝަނާ ގުޅުންހުރި ކަންކަން ފާސްކޮށް ހުށަހަޅަންޖެހެއެވެ. ޠަލާލް ވިދާޅުވީ ކުރިން ފާހަގަކުރެވުނު ގޮތުގައި އެހެން ހުށަހަޅަން ހުރި ބެއެއް މައުލޫމާތު މަދުކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިހާތަނަށް ދެވުނު މައުލާމާތާއެކު އެކަން ވަރަށް ބޮޑަށް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ އަހަރު ފެށުމާއެކު އަހަރީ ކަލަންޑަރު އެކުލަވާލައި، ބަޖެޓް ފާސްކޮށް އަދި އަހަރީ އާއްމު ޖަލްސާ ބާއްވަމުންނެވެ.