ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަނުން މި އަހަރަށް 9 މިލިޔަން ރުފިޔާގެ ބަޖެޓެއް


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރަށް 9 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު އަހަރީ ކަލަންޑަރު ފާސްކޮށްފިއެވެ.

މި ބަޖެޓާއި އަހަރީ ކަލަންޑަރު ފާސްކޮށްފައިވަނީ ހުޅުމާލޭ އެތުލެޓިކްސް ސްޓޭޑިއަމުގައި މިއަދު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި، އެ ޖަލްސާގައި ބައިވެރިވި 12 މެންބަރު ކުލަބުގެ އިއްތިފާގުންނެވެ.

އަހަރީ ކަލަންޑަރުގައި ވަނީ ބައިނަލްއަގުވާމީ 11 މުބާރާތެއްގައި ބައިވެރިވުމަށް ހިމަނާފައެވެ. އޭގެ ތެރޭގައި ސައުތު އޭޝިއަން ގޭމްސް މެއި މަހަށް ތާވަލުކޮށްފައިވާކަން އަހަރީ ކަލަންޑަރު ހުށަހަޅުއްވައި ދެއްވަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވަނީ އިއުލާންކުރައްވާފައެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގައި މިއަހަރު 11 ހަރަކާތެއް ބޭއްވުމަށްވެސް ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.

އަހަރީ އާންމު ޖަލްސާގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، ޔައުމިއްޔާ ޖަލްސާގައި ބައިވެރިވި 12 މެންބަރު ކުލަބުގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރު ނިންމާލިއިރު އެތުލެޓިކްސް އެސޯސިއޭޝަންގެ ލިޔެކިއުންތައް ރައްކާކުރެވިފައިވާ ގޮތާއި، ބަޖެޓުން ހޭދަކޮށްފައިވާ ގޮތް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ގޮސްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާކަންވެސް ޖެނެރަލް ސެކްރެޓަރީ މުންތަގިމް ފާހަގަކުރެއްވިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބު ރައީސް އަޙްމަދު އަޒީލް ވަނީ މިދިޔަ އަހަރު އެ އެސޯސިއޭޝަނަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީސް އަދި ސްޕޮންސަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ޖަލްސާއަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި އަޒީލް ވިދާޅުވީ ބޮޑު ދަރަންޏެއް ނެތި މިދިޔަ އަހަރު ނިމިގެންދިޔައިރު، އެ އެސޯސިއޭޝަނުން ބަލަނީ ލިބޭ އާމްދަނީއާ އެއްވަރަށް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އެމްއޯސީގެ ފަރާތުން އޮބްޒާވްކޮށްފައިވާއިރު، އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަޙްމަދު ސައީދު ވަނީ މި ޖަލްސާގެ ކަންކަން ރަނގަޅަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޖަލްސާގެ ކަންކަންދިޔަ ގޮތާ މެދު މެންބަރު ކުލަބުންތަކުންވެސް ހިތްހަމަޖެހޭކަން ފާހަގަކުރެއްވިއެވެ.