ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްޤު ހަނިކުރުނަށް ވިލާތުގެ ޤައުމުތަކުގެ ވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި، ނުޤަވާޢިދުން ހިޖުރަ ކުރުން ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭމްސް ޑޭވިޑް (ޖޭޑީ) ވޭންސް ތުހުމަތު ކުރެއްވުމާ އެކު މައްސަލަ ހޫނުވެއްޖެއެވެ. ޖަރުމަނުވިލާތުގެ މިޔުނިކްގައި މިހާރު ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފެރެންސް (އެމްއެސްސީ)ގައި ތަޤުރީރު ކުރައްވަމުން ވޭންސް މި މޭރުމުން ވިދާޅުވުމާ އެކު ވިލާތުގެ ޤައުމުތަކުގެ ވެރިން ވަނީ އޭނާގެ ވާހަކަފުޅާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.
އެމްއެސްސީގެ މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި އޮތް އެންމެ މުހިންމު މައުޟޫޢަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. އެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ދާދި ފަހުން ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް، އެމްއެސްސީގެ ބައްދަލުވުމުގައި ޓްރަމްޕްގެ ނައިބު ރައީސް ވޭންސް ދެއްވި ތަޤުރީރުގައި ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލައަށް މާ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާފައެއް ނެތެވެ.
ވޭންސް ވިދާޅުވީ ވިލާތުގެ ޤައުމުތަކަށް މި ވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާއާއި ޗައިނާ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އޭނާގެ ނަޒަރުގައި ވިލާތުގެ ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްޤު ޙިމާޔަތް ކުރުމާއި، ނުޤަވާޢިދުން ވިލާތުގެ ޤައުމުތަކަށް ހިޖުރަ ކުރަމުންދާ މީހުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު އެ ޤައުމުތަކުގެ ވެރިން ފަރުވާ ކުޑަ ކުރުމެވެ. އަދި، އިހުމާލުވުމެވެ.
ވޭންސްގެ މި ތުހުމަތުތަކާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައިވާ އެއް ބޭފުޅަކީ ޖަރުމަނުވިލާތުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްޓޯރިޔަސެވެ. އޭނާ ވިދާޅުވީ ވިލާތުގެ ޤައުމުތަކާ މެދު ވޭންސް ދައްކަވާފައި ވަނީ ޤަބޫލު ކުރަން ދަތި ވާހަކަތަކެއް ކަމުގައެވެ. އަދި، ޑިމޮކުރަސީގެ ދިފާޢުގައި ޖަރުމަނުވިލާތުގެ އިތުރުން ވިލާތުގެ ޤައުމުތަކުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކާ މެދު ވޭންސް ސުވާލު އުފައްދަވާފައިވާ ކަމަށް ޕިސްޓޯރިޔަސް ތުހުމަތު ކުރެއްވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ވޭންސްގެ ވާހަކަފުޅާ އެކު ބައިނަލްއަޤުވާމީ މަސްރަޙަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ މެދު އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ފަރަގު ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ކަންކަމުގައި އެއް ގަލަކަށް އެރުމަށް އޮތް ފުރުޞަތު ހަނި ކަން ސާފުވެގެން ގޮސްފައިވާ ކަމުގައެވެ. އެމްއެސްސީގައި ވިލާތުގެ ޤައުމުތައް ތަމްސީލު ކުރެއްވި މަންދޫބުން ވޭންސްގެ ވާހަކަފުޅު އަޑުއަހާފައި ވަނީ ހިމޭންކަމާ އެކުގައެވެ. އަދި، އޭނާގެ ވާހަކަފުޅަށް ގިނަ މަންދޫބުން ތާޢީދު ކުރި މަންޒަރު ފެނިގެން ގޮސްފައެއް ނުވެއެވެ.
އެމްއެސްސީގެ ހަވާސާގައި ވޭންސް ވަނީ ޖަރުމަނުވިލާތުގެ ސަރުކާރާ ދެކޮޅު ޕާޓީއެއް ކަމުގައިވާ ހައްދުފަހަނަ އެޅި ކަނާތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ އޮލްޓަރނެޓިވް ފޯރ ޖަރމަނީ (އޭއެފްޑީ) ޕާޓީގެ ވެރިޔާ އަލީސް ވަޔިޑަލާ ބައްދަލު ކުރައްވާފައެވެ. ޖަރުމަނުވިލާތުގެ ޢާންމު އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ވޭންސް ވަޔިޑަލާ ބައްދަލު ކުރެއްވުމަކީ ޓްރަމްޕްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާނެ އަމަލެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މިއީ، ޖަރުމަނުވިލާތުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.
ވިލާތުގެ ޤައުމުތަކުން ޤާބޫލު ކުރާ ގޮތުގައި އެ ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން އިސްވެ ފެށި ހަނގުރާމައާ ގުޅިގެން ވިލާތުގެ ގިނަ ޤައުމުތަކުން ވަނީ ރަޝިޔާއާ ގުޅުން ކަނޑައިލާފައެވެ. އަދި، އެކަހެރި ކޮށްލާފައެވެ. އަދި، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ދެކޮޅު ހައްދަވާފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޓްރަމްޕް ޕުޓިންއަށް ފޯނުން ގުޅުއްވުމާ އެކު ވިލާތުގެ ޤައުމުތަކަށް ވަނީ ހައިރާންކަމާއި ކަންބޮޑުވުން ގެނުވާފައެވެ. އެ ޤައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ޤައުމުތަކުގެ ބައިވެރިވުމާ ނުލައި، އެމެރިކާއާއި ރަޝިޔާއާ ދެމެދު މަޝްވަރާތަކެއް ބޭއްވުމެވެ. އަދި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޙައްލުތަކެއް ހޯދުމެވެ. މިއީ، ވިލާތުގެ ޤައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުތަކުން ސިފަކުރެއެވެ.
މިޔުނިކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ވޭންސް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލަށް ދެއްވި ބަސްދީގަތުމެއްގައި ވޭންސް ވިދާޅުވީ، ހަނގުރާމަ މެދުކަނޑައިލަން ޕުޓިންއަށް ބާރު އެޅުމުގެ ގޮތުން އިޤުތިޞާދީ އަދި އަސްކަރީ ގޮތުން ޓްރަމްޕް ފިޔަަވަޅުތައް އެޅުއްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. މިއީ، ޕުޓިންއަށް ޓްރަމްޕްގެ ސަރުކާރުން ދިން އިންޒާރެއްގެ ގޮތުގައި އެ ނޫހުން ރިޕޯޓު ކުރުމާ އެކު ވޭންސްގެ ތަރުޖަމާނު ވިލިޔަމް މާޓިން ވަނީ އެ ކަން ދޮގު ކުރައްވާފައެވެ.
ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ބޭއްވުމުގެ ޝަރުޠުތަކުގެ ތެރޭގައި، ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ގޮތްތަކާ މެދު އެމެރިކާއާއި ވިލާތުގެ ޤައުމުތައް އެއްގަލަކަށް އެރުން ހިމެނޭ ކަމުގައެވެ. އޭނާއާއި ވޭންސާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އިތުރު ތަފުސީލު އެ ދެ ޤައުމުން ހާމަކޮށްފައެއް ނެތެވެ. މި މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އަނަލީނާ ބެއަރބޮކް ވިދާޅުވީ، ރަޝިޔާއާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޔޫކްރެއިނަށް މަޖުބޫރު ކުރުވުމަކީ ވިލާތުން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައެވެ.
"ޔޫކްރެއިނާއި ވިލާތުގެ ލީޑަރުންގެ ބައިވެރިވުމާ ނުލައި ނަމެއްގައި ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކޮށްގެން ހާސިލު ކުރެވޭނެ އެއްވެސް އަމާޒެއް ނޯންނާނެ. އެ ފަދަ އެއްބަސްވުމަކުން ޔޫކްރެއިނާއި ވިލާތާއި އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކޮށެއް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ދަށުން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން %20 ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލުމުންނެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި، ޔޫކްރެއިނުން ނޭޓޯއާ ގުޅުމަކީ އެ ޤައުމުގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެކެވެ.