ޚަބަރު

މިސްކިތްތަކާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކުރިމަތީގައި ދެން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ!


  • އެ ތަންތަނުގެ 25 ފޫޓުގެ ރޭޑިއަސްއެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ

  • ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތައް ކުރިމަތީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ

  • ކުޑަކުދިންގެ ޕާކުތަކާއި މައިޒާންތަކާއި އާންމުންގެ ގޭބިސީތަކުގެ ގޯޅިގަނޑުގައިވެސް ނުކުރެވޭނެ

މިސްކިތްތަކާއި ސްކޫލްތަކުގެ ދޮރާށިތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ސަރަހައްދުގައި ހިމެނޭ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން "ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ޤަވާއިދު"ގެ ދަށުން މަނާކޮށްފިއެވެ.

ހަމަމިއާއެކު ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ބޭސްފިހާރަތަކުގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް މިޤަވާއިދުގެ ދަށުން މަނާކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ރާއްޖޭގައި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރުދަނީކުރަމުންނެވެ. ގިނަ ފިޔަވަޅުތަކާއެކު މިމަހުގެ 12ވަނަ ދުވަހުވަނީ "ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ޤަވާއިދު" ގެޒެޓުކޮށް އެއަށް ޢަމަލުކުރަން ފަށާފައެވެ. މިޤަވާއިދުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ސަރަޙައްދުތައް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

އެގޮތުން މިސްކިތްތަކާއި ސްކޫލްތަކާއި މަދުރަސާތަކުގައާއި އެތަންތަނުގައި ހާމަކޮށް އަންނަ ބިންތަކާއި އެތަނުގެ ގޯތިތެރޭގައާއި، އެތަންތަނަށް ވަދެ ނުކުމެހަދާ ދޮރާއި، ދޮރާށީތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ރޭޑިއަސްއެއްގެ ތެރޭގައި ހިމެނޭ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. ހަމައެއާއެކު ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ބޭސްފިހާރަތަކާއި، މަތީ ތަޢުލީމުދޭ ތަންތަނުގެ ދޮރުމައްޗާއި އެތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް މަނާކަމެކެވެ.

މީގެއިތުރުން ދައުލަތުގެ އެންމެހާ އިދާރާތަކާއި ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޤާނޫނީ ޝަޚުޞުތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ ހުރިހާ ޢިމާރާތްތަކާއި އެތަންތަނުގެ ގޯތިތެރެއާއި، ބޭރަށް ހުންނަ ބެލްކަނިތަކާއި، އެތަންތަނުގެ ދޮރުމަތީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މިގަވާއިދުގެ ދަށުން މަނާކުރެއެވެ.

މުޖުތަމަޢުގައި އެކި ފަރާތްތަކަށް ޚާއްސަކޮށްފައިވާ ތަންތަނުގައިވެސް މިގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އެގޮތުން ކުޑަކުދިންގެ ޕާކުތަކާއި، މައިޒާންތަކާއި، ޒުވާނުންގެ މަރުކަޒުތަކާއި، ކުޅިވަރުކުޅުމަށް ޚާއްސަ ތަންތަނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި އެތަންތަނުގެ ހާމައަށް އޮންނަ ބިންތަކާއި ދޮރުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.

"ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ޤަވާއިދު"ގެ ދަށުން ގިނަ މީހުން ދިރިއުޅޭ ތަންތަނުގައި ހުންނަ އާންމުން ވަދެނުކުމެ އުޅޭ ތަންތަނުގައިވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެއެވެ. އެގޮތުން އެއް ގެއަށްވުރެ ގިނަ ގޭގެއަށް ވަދެނުކުމެ ހެދުމަށް ހަދާފައިވާ ގޯޅިތަކާއި ކޮޅުބެދިފައިވާ ބަންޑާރަ ގޯޅިތަކުގައިވެސް މިގަވާއިދާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެކަން އަންގައިދޭ ބޯޑު އާންމުންނަށް ފެންނާނެހެން ބަހައްޓަންޖެހެއެވެ. އަދި ޤަވާއިދުގައި ބަޔާންކުރާ ފަރާތްތަކުން ޤަވާއިދާ ޚިލާފުވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ތަންފީޒީ އިދާރާތަކަށް މިގަވާއިދުގެ ދަށުން ލިބިދެއެވެ. އެގޮތުން އާއްމު ފަރުދަކު މިގަވާއިދާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރުނަމަ 2000 ރުފިޔާ އަދި 3 ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 3000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.