އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
މިއީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މިދިޔަ ހަފްތާގައި މި ދެ ޓީމު ކުޅުނު މެޗުން ޗެލްސީ ބަލިވެ މުބާރާތުން ކެޓިތާ ގިނަ ދުވަސްތަކެއް ނުވެ ކުޅުނު މެޗެކެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވުމާއެކު ތާވަލުގެ ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓްއާ ދެމެދުވާ ފަރަގު ކުޑަކުރުމަށް އެ ޓީމަށް ލިބުނު ފުރުސަތުވަނީ ގެއްލިފަ އެވެ. ޗެލްސީ އަށް 25 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު 24 މެޗުން ނޮޓިންހަމް އަށް ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ބްރައިޓަންއަށް 25 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ އަށްވަނަ އަށް އަރާފަ އެވެ.
މި ނަތީޖާ އާއިއެކު މިއަދު ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑްގެ އިތުރުން ބޯންމަތު ކުޅޭ މެޗުތަކުން އެ ޓީމުތައް މޮޅުވެއްޖެ ނަމަ، ޗެލްސީއަށް ވަގުތީ ގޮތުން ނަމަވެސް ގަދަ ހަތަރެއްގެ ޖާގަ ގެއްލޭނެ އެވެ.
މެޗު ފަށައިގެން ޗެލްސީން މެޗު ކޮންޓްރޯލް ކޮށްގެން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި މެޗުގައި ޗެލްސީ އަށް ވަނީ ބްރައިޓަންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލައެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަނިޔާގެ ސަބަބުން ޗެލްސީގެ ކުރިއަށް ކުޅޭ ނިކޮލަސް ޖެކްސަން ނެތްތަން ފޫބެއްދުމަށް ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ނޮނީ މަޑުއެކޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 21 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ބްރައިޓަންގެ ފަރާތުން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި ކައޮރޫ މިޓޯމާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 11 މިނިޓު ފަހުން މެޗުގެ 38 ވަނަ މިނިޓުގައި ޔަންކޫބާ މިންޓޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި މި މެޗުގައި ބްރައިޓަން އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި ޑެނީ ވެލްބެކް ދިން ބޯޅައަކުން މިންޓޭ ވަނީ ކާމިޔާބުކޮށް ޗެލްސީ އަތުން ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރުކޮށްދީފަ އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ މިއީ އޭނާ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވި ފަހުން އެ ޓީމުން ދެއްކި އެންމެ ދަށް ކުޅުން ކަމަށެވެ.
"މިއީ އަހަރެމެން އުންމީދު ކުރިފަދަ ކުޅުމެއް ނޫން އަދި މި މެޗު ބަލަން އައި ޗެލްސީގެ ސަޕޯޓަރުންގެ ކިބައިން އަހަރެއް މައާފަށް އެދެން. ސީޒަންގެ މި ހިސާބުން ފެނުނު ކުޅުމާއިއެކު ސަޕޯޓަރުން މާޔޫސްވާނެކަން ޔަގީން. އަދި އަހަރުމެން އިތުރަށް ރަގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި" މަރެސްކާ ބުންޏެވެ.