ރަޝިއާގެ ބިލިޔަނަރު ރޯމަން އަބްރަމޮވިޗް އަތުން މީގެ ތިން އަހަރު ކުރިން ޗެލްސީ ގަތް ޓޮޑް ބޮއެލީ އެ ޓީމާ ހަވާލުވި ފަހުން މިހާތަނަށް 1.5 ބިލިއަޔަން ޕައުންޑް ހޭދަކޮށްފައިވާއިރު، ޗެލްސީގައި ފޯވާޑެއް މިވަގުތު ނެތެވެ.
އަނިޔާގެ ސަބަބުން މިދިޔަ ހަފްތާގައި ނިކޮލަސް ޖެކްސަން އަށް އަނިޔާވެ އެ ޓީމުގައި ފިޓުކޮށް ހުރި ފޯވަޑެއް ނެތި ކުޅުނު ފުރަތަމަ މެޗުން ވަނީ 3-0 ގެ ނަތީޖާއަކުން ރޭ ބްރައިޓަން އަތުން ބަލިވެފަ އެވެ. މި މެޗަށް ނިކުތުމުގެ ކުރިން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ބްރައިޓަން އާއި ދެކޮޅަށް ތަފާތު ކަމެއް ކޮށްގެން ނޫން ގޮތަކަށް މި މެޗުން ރަގަޅު ކާމިޔާބީއެއް ނުހޯދޭނެ ކަމަށެވެ.
ތަފާތު ކަމެއްގެ ގޮތުގައި އެންޒޯ މަރެސްކާ އަށް މި މެޗުގައި ފެނިގެންދިޔަ ކަމަކީ އޭނާ އެ ޓީމާއި ހަވާވި ފަހުން މިހާތަނަށް ފެނުނު އެންމެ ދަށް ކުޅުން ފެނުމުގެ އިތުރުން މުޅި މެޗުގައިވެސް ޗެލްސީ އަށް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ހަމަލައެއް ފޮނުވާ ނުލެވިފަ އެވެ.
ޓޮޑް ބޮއެލީ ޗެލްސީ ގަތުމަށްފަހު އޭނާ ވަނީ އެކްލަބަށް ކުރިއަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހޯދާފަ އެވެ. އެގޮތުން ފޯވަޑުން ހޯދުމަށް 445 މިލިއަން ޕައުންޑު ޚަރަދުކޮށްފައިވާއިރު މިހާރު އަނިޔާގައި ހުރި ނިކޮލަސް ޖެކްސަން ފިޔަވާ އެއްވެސް ކުޅުންތެރިއަކަށް އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފަ އެވެ.
ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗޭލްގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން ޕިއޭ އެމެރިކް އައުބަމެޔަންގް 12 މިލިއަން ޕައުންޑަށް ގެނައި ނަމަވެސް ޓުޗެލް އަށް މަގާމު ގެއްލުމާއިއެކު އޭނާއަށްވެސް ވަނީ ޗެލްސީ ދޫކޮށްދާން ޖެހިފަ އެވެ.
ޗެލްސީއިން ފޯވަޑުންނަށް ކުރި ޚަރަދުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ކްރިސްޓޮފާ އެންކުންކޫ, ރަހީމް ސްޓާލިން, މިޚައިލޯ މުދްރީކް, ޕެޑްރޯ ނެޓޯ, ޖޮއާއޯ ފީލިކްސް އަދި ކޯލް ޕާމާ ހޯދުމަށެވެ. މީގެ ތެރޭގައި ސެންޓްރަލް ފޯވަޑަކަށް ކުޅޭ ކުޅުންތެރިއަކު ނެތެވެ. އަދި އޭގެ ތެރެއިންވެސް ކޯލް ޕާމާ ފިޔަވާ އެއްވެސް ކުޅުންތެރިއަކަށް އެދެވޭ ފަދަ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އޭނާ ވަނީ 2024 ވަނަ އަހަރު 26 ގޯލު ޖަހާ 13 ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކޮށްދީފަ އެވެ.
މީގެ ދެ ހަފްތާ ކުރިން ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ނިކޮލަސް ޖެކްސަން އަށް އަނިޔާ ވެފައިވާއިރު އޭނާ ނެތްތަން ފޫބެއްދުމަށް އަބަދުވެސް ބޭނުންކުރާ އުމުރުން 19 އަހަރުގެ މާކް ޖިއޫއަށް ވެސްވަނީ ހަމަ އެ މެޗުގައި އަނިޔާވެފަ އެވެ. ޖެކްސަން އަށް ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު ޖިއޫއަށްވެސް މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާއި ދުރަށް ދާން ވަނީ ޖެހިފަ އެވެ.
ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު އެންޒޯ މަރެސްކާ ބުނެފައިވަނީ ސެންޓަރ ފޯވަޑެއް ނެތި ކުޅެން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށާއި މިހާރު ޗެލްސީއަށް ކުރިމަތިވެފައިވާ މައްސަލައަކީ އެއީ ކަމަށެވެ. އަދި މިހާރު އެ ޓީމަށް އޮތް ހަމައެކަނި ހައްލަކީ ކްރިސްޓޮފާ އެންކުންކޫގެ ފަރާތުން ރަގަޅު ކުޅުމެއް ފެނި އޭނާގެ ބޭނުން ކުރުމެވެ.