ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ތައްޔާރުވާން ޕާކިސްތާނުގައި ކުޅުނު ޓްރައި ނޭޝަންސް މުބާރާތުގެ ޗެމްޕިއަންކަން ނިއު ޒީލަންޑުން ހޯދައިފިއެވެ.
ފައިނަލުގައި ނިއު ޒީލަންޑް އަތުން ބަލިވީ ޕާކިސްތާނެވެ. އެއީ ބާކީ 28 ބޯޅަ އޮއްވައި 243 ލަނޑު ހަދައިގެންނެވެ.
އެއާއެކު އަމިއްލަ ގައުމުގައި އަންނަ ބުދަ ދުވަހު ފަށާ ޗެމްޕިއަންސް ޓްރޮފީގެ ތަށި ޕާކިސްތާނަށް ދިފާއު ކުރެވިދާނެތޯ ސުވާލު އުފައްދާ ފަރާތްތައް ވަނީ ގިނަވެފައެވެ.
ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ޕާކިސްތާނުގެ ކެޕްޓަން މުޙައްމަދު ރިޒްވާން ބުނީ ޓްރައި ނޭޝަންސް މުބާރާތުގެ ތަށި ގެއްލުމުގެ މައިގަނޑު އޮތީ ދެ ސަބަބެއް ކަމަށެވެ. ފުރަތަމަ ކަމަކީ ބެޓިން އެންމެ ފުރިހަމަ ނުވުމާއި، ފައިނަލް މެޗުގައި ހޮވުން ދެރަވުން ކަމަށެވެ.
"އަހަރުމެން އެބަޖެހޭ ހޮވުން ރަނގަޅު ކުރަން. އަހަރުމެން މި މުބާރާތުގައި ކުޅުނު ތިން މެޗަށް ބަލާއިރު ވެސް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަންޖެހޭކަން އެނގިއްޖެ. ހޮވުން ރަނގަޅު ކުރުމަކީ އޭގެ ތެރެއިން އެންމެ ކަމެއް،" ރިޒްވާން ބުންޏެވެ.
އޭނާ ބުނީ ފައިނަލް މެޗުގައި ޕާކިސްތާނުގެ ބެޓިން ނިންމާލަން ޖެހުނީ އުއްމީދު ކުރިވަރަށްވުރެ 15 ލަނޑު މަދުކޮށް ކަމަށެވެ. މިއީ ފައިނަލުން ބަލިވާން ދިމާވި މުހިންމު ސަބަބެއް ކަމަށްވެސް ވަނީ ބުނެފައެވެ.
"އަހަރުމެން ފުރަތަމަ ބޭނުންވީ ބެޓް ކުރަން. ސަބަބަކީ އަހަރުމެންނަށް ލަފާ ކުރެވުނީ ފަހުން ބެޓް ކުރަން ބަލާއިރު ދަނޑު ވަރަށް އުނދަގޫވާނެ ކަމަށް. އެކަމަކު އެމީހުންގެ ބޯލަރުން އަހަރުމެން ފިއްތާލި. އެމީހުންގެ އުކުން ވަރަށް މޮޅު. އަހަރުމެން ޓާގެޓް ކުރީ 280 ލަނޑު ހަދަން. އެކަމަކު އެމީހުން އެކަން ވިޔަ ނުދިން،" ރިޒްވާން ބުންޏެވެ.
ރިޒްވާން ބުނީ ފައިނަލް މެޗުގައި ނިއު ޒީލަންޑްގެ އުކުމާއި ހޮވުންވެސް މޮޅު ކަމަށެވެ.
"އެމީހުންގެ އުކުން ވަރަށް މޮޅު. އަހަރެންނާއި އަގްހާ މަސައްކަތް ކުރީ އެއް ފެންވަރެއްގައި މެޗު ކުޅެވޭތޯ. އެކަމަކު އަހަރުމެންގެ ޓާގެޓަށް ނުދެވުނު. އަހަރުމެން މެޗު ފެށީ 300 ލަނޑު ހަދަން އަޒުމް ކަނޑައަޅައިގެން. ފަހުން 280 އަށް އެރުވޭތޯ ވެސް ބެލިން. އަހަރެންގެ ވިކެޓް ދިއުމާއެކު ވަރަށް ނާޒުކު ހާލަތަކަށް ޓީމު ވެއްޓުނު،" ރިޒްވާން ބުންޏެވެ.
މުބާރާތުގައި މި ދެ ގައުމު ހިމެނެނީ އެއް ގްރޫޕެއްގައެވެ. ގްރޫޕް އޭގައި މި ދެ ގައުމުގެ އިތުރުން ދެން ހިމެނެނީ ބަނގްލަދޭޝް އާއި އިންޑިއާއެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިއާ އާއި، ދެކުނު އެފްރިކާ އާއި، އަފްޣާނިސްތާން އަދި އިންގްލަންޑެވެ.
ޕާކިސްތާނުން މުބާރާތް ފަށާނީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއު ޒީލަންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެ މެޗަށް ފަހު ޕާކިސްތާން ދަތުރުކުރާނީ މި މަހުގެ 23 ވަނަ ދުވަހު ދުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅުމަށެވެ. މި މުބާރާތުގައި އިންޑިއާގެ މެޗުތައް ދުބާއީގައި ކުޅެނީ ޕާކިސްތާނަށް ދިޔުމަށް އިންޑިއާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާނުން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ.