ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ސަސް އަތުން ޗެމްޕިއަން ޓީސީއަށް މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް ބީގެ މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓީސީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ލޫތު ހުސެއިންއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 31 ވަނަ މިނެޓުގައި ސަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އިޒާން އަލީއެވެ.

މި މެޗުގައި ޓީސީން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަހުދާން އަބްދުލް ޣަނީއެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ޓީސީން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ އަލީ އައިހަމްއެވެ.

ޖުމްލަ 8 ޓީމު ވާދަކުރާ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ކުލަބު ވެލެންސިއާ އާއި، ބުރު ސްޕޯޓްސް ކުލަބާއި، ކުލަބު އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ޓީސީ އާއި ސަސްގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑަށެވެ. މިއީ އެފްއޭއެމްއިން މި އަހަރު ކުރިއަށްގެންދާ ރަސްމީ ފުރަތަމަ މުބާރާތެވެ.