ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ވިކްޓަރީ ބަލިކޮށް އޮޑި ސްޕޯޓްސް ފެށީ މޮޅަކާއެކު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އޮޑި ސްޕޯޓްސް އިން ކާމިޔާބުކުރީ 3-1 ލަގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އޮޑި ސްޕޯޓްސްއިންނެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނިޓުގައި އެޓީމަށް ޖަހައިދިނީ އަޙްމަދު ރުވާއުއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑި ސްޕޯޓްސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ކާމިޔާބުކޮށްދިނީ އަލީ ނާއިޝް އަޙްމަދު ލޯހީދުއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޝާއިން އިބްރާހީމް ރަމީޒްއެވެ. އެކަމަކު މެޗުގެ 77 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖެހި ނާއިޝްއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އޮޑި ސްޕޯޓްސްގެ އަހުޒަމް ރަޝީދެވެ.

ޖުމްލަ 8 ޓީމު ވާދަކުރާ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ކުލަބު ވެލެންސިއާ އާއި، ބުރު ސްޕޯޓްސް ކުލަބާއި، ކުލަބު އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އޮޑި ސްޕޯޓްސް އާއި ވިކްޓަރީގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބު އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑަށެވެ. މިއީ އެފްއޭއެމްއިން މި އަހަރު ކުރިއަށްގެންދާ ރަސްމީ ފުރަތަމަ މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީސީންނެވެ.