ޚަބަރު

އަނިޔާގެ ސަބަބުން އަކަންޖީއަށް މުހިންމު ދެ މެޗުގައި ނުކުޅެވޭނެ


މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ މެނުއެލް އަކަންޖީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ޓީމު އަންނަ ހަފްތާގައި ކުޅޭ މުހިންމު ދެ މެޗުގައި ނުކުޅެވޭނެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގެ އިތުރުން ފެބްރުއަރީ 23 ވަނަ ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައިވެސް އަކަންޖީ އަށް ނުކުޅެވޭނެ އެވެ.

އުމުރުން 29 އަހަރުގެ ސްވިޒަލޭންޑަށް އުފަން ޑިފެންޑަރަށް އަނިޔާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗުގަ އެވެ. 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މި މެޗުގެ ހާފްޓައިމްގައި އަކަންޖީ ވަނީ ބަދަލުކޮށްފަ އެވެ.

އަކަންޖީ އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު މި ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ގިނަ ޑިފެންޑަރުންތަކަކަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ޖޯން ސްޓޯން އާއި ނަތަން އޭކް އަދި ރުބެން ޑިއާސް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ކުޅުންތެރިން މިވަގުތުވެސް ތިބީ ކުޅުމާއި ދުރުގަ އެވެ.

ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށްޓަކައި ނިމިދިޔަ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ހޯދާފައެވެ.