ކުޅިވަރު

އެމްބާޕޭ އަލުން ގައުމީ ޓީމަށް ނަގަނީ


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަންނަ މާޗު މަހު ފްރާންސް ކުޅޭ މެޗަށް ކެޕްޓަން އެމްބާޕޭ ސްކޮޑަށް ނަގާނެ ކަމަށް ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ އެމްބާޕޭ ފްރާންސްގެ ޕީއެސްޖީ އިން ސްޕެއިންގެ ރެއާލް މެޑްރިޑަށް މިދިޔަ ޖުލައި މަހު ބަދަލުވި ފަހުން މިދިޔަ އޮކްޓޯބަރ މަހާއި ނޮވެމްބަރ މަހު ފްރާންސް ކުޅުނު މެޗުތަކަށް އެމްބާޕޭ ނަގާފައެއް ނުވެއެވެ.

އެމްބާޕޭ ގައުމީ ޓީމަށް ނަގާފައިނުވަނީ ކޮން ސަބަބަކާހުރެ ކަން ޑެޝޯމްޕްސް ހާމަކޮށްފައިނުވި ނަމަވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަށް ފުރުސަތު ދީފައިނުވަނީ ޑެޝޯމްޕްސް އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ.

ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 86 ލަނޑު ޖަހައިދީފައިވާ އެމްބާޕޭއަށް ރެއާލް މެޑްރިޑަށް ބަދަލުވި ދުވަސްކޮޅު އޭނާގެ އަސްލު ކުޅުން ދެއްކިފައިނުވި ނަމަވެސް ފަހަކަށް އައިސް އޭނާ ދަނީ މޮޅު ކުޅުމެއް ރެއާލް މެޑްރިޑްގައި ދައްކަމުންނެވެ.

"ޔަގީން އެމްބާޕޭ އަންނަ މާޗު މަހުގެ ސްކޮޑުގައި ހުންނާނެ. އޭނާ ނުހުންނަންވީ އެއްވެސް ސަބަބެއް ނެތް. އަދި ކުރިން އޭނާއަށް ސްކޮޑުން ފުރުސަތު ދީފައިނުވަނީ ވަރަށް ސާފު ސީދާ ކަމަކާއި ގުޅިގެން އަދި އޭނާއަށް އިތުރު އެއްވެސް މައްސަލައެއް ކުރިމަތިނުވާ ނަމަ އޭނާ ފްރާންސްގެ ސްކޮޑުގައި ހުންނާނެ." ޑެޝޯމްޕްސް ބުންޏެވެ.

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ރޭވިފައިވާ ގޮތުން ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާއިރު އެކަމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ދަނީ އަނިޔާ ވަމުންނެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ ޑެޝޯމްޕްސް އާއިއެކު އެ ފެޑަރޭޝަނުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރުގެ ނިޔަލަށް ހަމަވާއިރު އޭގެ ފަހުން ޑިޝޮމްޕްގެ ކޮންޓްރެކްޓް އައު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ފްރާންސް އާއި ދެކޮޅަށް ނިކުންނާނީ ކްރޮއޭޝިއާ އެވެ.