ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ)އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒަރާ ގުޅިގެން އިންތިޒާމުކުރާ ޢުމްރާ ދަތުރުގެ ބައިވެރިން ސަޢުދި ޢަރަބިއްޔާއަށް ފުރައިފިއެވެ.
މި ދަތުރުގައި ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސިޓީގެ ޔޫނިއަން، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، ސީއެޗްއެސްއީ، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ބައެއް ޒުވާން ޚަޠީބުން ބައިވެރިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވާފައިވާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއްކަމަށެވެ.
މި ދަތުރަކީ މިމަހުގެ 14 އިން 21 އަށް ކުރިއަށްދާ ސްޓަޑީ ޓުއާއެކެވެ. މިދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ އަހަރު އިމާމުންނާއި ޚަޠީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި، އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކޮށްފައެވެ.