ޚަބަރު

ޙައްޖާއި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމުގެ ދަފްތަރެއް އެކުލަވާލާތީ ރަޖިސްޓްރީވުމަށް ހުޅުވާލައިފި


  • މި ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ނަރުހުންނައި ޑޮކްޓަރުންނަށް ވަނީ ހުޅުވާލާފައި

  • ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ ދަފްތަރުގެ ތެރެއިން

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދާ މީހުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސިއްޙީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

ޙައްޖުކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޙައްޖާއި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޑޮކްޓަރުންނަށާއި ނަރުހުންނަށް ވަނީ ހުޅުވާލާފައެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ދަފްތަރު އެކުލަވާކުމަށްފަހު އެކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންނެވެ.

ސިއްޙީ އެހީތެރިންގެ ދަފްތަރުގައި ހިމެނޭ ޑޮކްޓަރުންގެ ދާއިރާތައް:

- މެޑިކަލް އޮފިސާރ
- ޖެނެރަލް ޕްރެކްޓިޝަނަރޒް
- ފިޒިޝަންސް
- ކާޑިއޮލޮޖީ
- ނެފްރޮލޮޖީ
- ނިއުރޮލޮޖީ

ދަފްތަރުގައި ރަޖިސްޓްރީވާ ނަރުހުންނާއި ޑޮކްޓަރުންގެ މަސްޢޫލިޔަތުތަކުގެ ތެރޭގައި ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުން ހިމެނެއެވެ. އަދި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ނަރުހުން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމަކީ ޑޮކްޓަރުންގެ ޒިންމާއެކެވެ. އަދި ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އެހީތެރިވުމަކީވެސް ޑޮކްޓަރުންނާއި ނަރުހުންގެ މަސްޢޫލިޔަތެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށެވެ.