އައްޑޫ ސިޓީގެ ހިތަދޫގައި ޙިމާޔަތްކޮށްފައިވާ އީދިގަލި ސަރަޙައްދަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަ ސެންޓަރެއް އެޅުމަށް ކޮންޓްރެކްޓަރާ ޙަވާލުކުރައްވައިފިއެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރެއްވީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެފް) އިން 8.2 މިލިއަން ރުފިޔާ، ޚަރަދުކުރައްވައިގެން ކުރެވޭ މިމަސައްކަތުގެ ދަށުން ހަދާ މި ވިޒިޓާސް ސެންޓަރުން އީދިގަލި ކިޅިއަށް ޒިޔާރާތްކުރާ ފަރާތްތަކަށް މަޢުލޫމާތުދިނުން ފަދަ މަސައްކަތްތައް ކުރިޔަށްގެންދެވޭނެއެވެ. އަދި އެސަރަހައްދު ބެލެހެއްޓޭނެ ނިޒާމުވެސް ކައިރިމުސްތަޤްބަލެއްގައި ޤާއިމުކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މިތަނުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 8 މަސްދުވަހުގެ ތެރޭގައެވެ. އީދިގަލި ކިޅި ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރުވެސް ކިޅި ހިމެނޭ ސަރަހައްދު ވަކިކުރެވި، ބާރޑް ވޮޗް ޓަވަރު ތަކާއި އަދި ބައެއް ޕާކްތައް ހަދާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
އީދިގަލި ކިޅީގެ ވިޒިޓާސް ސެންޓަރުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެންވަޔަރަންމެންޓް މިނިސްޓަރ ވިދާޅުވީ ހިމާޔަތްކޮށްފައިވާ މިފަދަ ތަންތަން މިގޮތަށް ތަރައްޤީކުރުމުގެ ބޭނުމަކީ މި ތަންތަނުގެ މަންފާ އާންމުންނާއި ސަރުކާރަށް ލިބޭގޮތް ހެދުންކަމަށެވެ. އަދި މިކަމުގެ ސަބަބުން މިތަންތަނުން އިޤްޠިޞާދީ މަންފާ ލިބުމަށް މަގުފަހިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހިމާޔަތްކުރައްވާފައިވާ އެހެން ސަރަހައްދުތައްވެސް ތަރައްޤީކޮށް އެތަންތަނުގެ މަންފާ ލިބޭގެ ގޮތްތަކެއް ހެއްދެވުމަށް ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.