ޚަބަރު

ސަރުކާރުގެ ޑިޖިޓަލް ތަޞައްވުރު: ޒަމާނީ ބަދަލުތަކާއެކު ރައްޔިތުންނަށް ބާރުވެރިކަންލިބޭ ޑިޖިޓަލް އައިޑީއެއް


  • ޒަމާނީ ޑިޖިޓަލް އައިޑީއާއެކު އެމީހެއްގެ ހުއްދަ ނެތި މައުލޫމާތު އިދާރާތަކަށްވެސް މައުލޫމާތު ނުނެގޭނެ

  • ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކާއި ބޭންކުތަކާއި މެދު މައުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ޤާއިމްކުރެވޭނެ

  • ސައިބަރ ހަމަލާތަކުން ރައްކާތެރިކަން ކަށަވަރު ކުރެވޭނެ

ދިވެހި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ވާހަކައަކީ ފަހަކަށް އައިސް ހުރިހާ ސަރުކާރަކުންވެސް އެކި މަރުހަލާތަކުގައި ދައްކަމުންދިޔަ ވާހަކަތަކެކެވެ. ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތަށް، ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ. އަދުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ، މުޅި ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށެވެ.

ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ އެއް ތަނބެވެ. މިކަން ހާސިލްކުރުމުގެ ޢަމަލީ މަސައްކަތްތަކެއް ސަރުކާރުން މިވަނީ ފަށާފައެވެ. މިމަސައްކަތް ނިމޭއިރު، ދައުލަތުން ފޯރުކޯށްދޭ ހުރިހާ ޚިދުމަތަކީވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯދޭހާ ފަސޭހަ ޚިދުމަތަކަށް ވެގެންދިއުމަކީ ސަރުކާރުގެ އަމާޒަކެވެ.

އެ އަމާޒަށް ވަސިލުވުމަށް ސަރުކާރުން ނިންމާފައިވަނީ މައިގަނޑު 3 ކަމެއް ފުރިހަމަކޮށްގެންނެވެ. އެއީ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ޒަމާނީ ފެންވަރުގެ، ޑިޖިޓަލް އައިޑީއެއް ތައްޔާރު ކުރުމާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން، ނިޒާމަށް ދެވޭ ސައިބަރ ހަމަލާތަކުން ރައްކާތެރިވެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމެވެ.

މިހާރު ބޭނުން ކުރަމުންދާ އީ-ފާސް ޑިޖިޓަލް އައިޑީއަށް، ޒަމާނީ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ މި ބަދަލުތަކާއި އެކު ރައްޔިތުންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަޞައްވުރު، ދާޚިލީ ސަލަމާތާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވަނީ ރިޔާސީ ބަޔާނާއި ގުޅިގެން ބޭއްވި ފޯރަމުގައި ތަފްސީލް ކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވީ އައު އައިޑީ ނިމޭއިރު، އެމީހެއްގެ ހުއްދަ ނެތި އިދާރާތަކަށްވެސް އޭނާގެ ޒާތީ މައުލޫމާތު ނުނެގޭނެ ކަމަށެވެ.

"މިހާރު މި ބޭނުން ކުރަމުން އަންނަ އައިޑެންޓިޓީ ހެދިފައި އިންޓަނޭޝަނަލް ސްޓޭންޑަޑަށް އޭތި އަންނައިރު، ރައްޔިތު މީހާއަށް ފެންނާނީ އެމީހާގެ މައުލޫމާތު އެއްވެސް އޭޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓަރގެ ފަރާތުން ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކްސެސްވާނަމަ އެމީހާގެ ކޮންސެންޓު (ހުއްދަ) އެކަމަށް ބޭނުންވާނެ. އެކޮންސެންޓާއިއެކުގައި އެއިދާރާއަކުން އެކަން ކުރާނީ. ހަމަ އެއާއެކުވެސް މީހާއަށް ބަލާލެވޭނެ ކާކު ކޮންސަބަބަކާއެކުތޯ އެމީހާގެ ޒާތީ މަޢުލޫމާތައް އެކްސެސް ވެވެނީ" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މީއާއިއެކު އިދާރާތަކަށް ހުށަހަޅަން ޖެހޭ ސިޓީތަކާއި އެކި ކަންކަމުގައި އެއް މައުލޫމާތެއް ހިމަނައި ހުށަހަޅަން ޖެހޭ ފޯމުތައް މަދުކުރުމަކީ އަލަށް ތައްޔާރު ކުރެވޭ ނިޒާމުގެ މައިގަނޑު އަސާސެކެވެ. މި ނިޒާމުގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާއަކާއި ބޭންކުތައް ހިމެނޭ ގޮތަށް، ޕްރައިވެޓް ސެކްޓަރ ޑޭޓާއާއި އިންޓަރެކްޓްވާނެ އެކްސްޗޭންޖް ލޭޔަރ ޤާއިމްކުރެވޭނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

"މިސާލަކަށް ޚިދުމަތަކަށް އެދި ހުށަހަޅާއިރު، ކޮންމެ އިދާރާއަކަށް ނަމާއި އައިޑީ ކާޑު ނަމްބަރު ނުޖެހޭނެ ހުށަހަޅާކަށް. އެއް އިދާރާއިން ދީފައި އިންނަ ޑިޖިޓަލް އައިޑީއާއި އިންޓަރެކްޓް ކުރާ އިރު އެއާއި ގުޅިފައިހުރި ހުރީ އެޕްލިކޭޝަނެއް އޭގެ ތެރެއިން އަންނާނެ. މިހެން ހެދީމަ އަވަސްކަމާއެކު ޚިދުމަތް ލިބޭނެ. މިހާރު މިއޮންނަ ސިޓީ ލިޔެ ޚާދިމްކުމް ޖަހާ ސިޓީ ލިޔުން، ކުރިއަށް އޮތްތާކު ނުފެންނާނެ. ހަމައެއާއި އެކު އެއް އިދާރާއަކު ހުންނަ މައުލޫމާތު މީހާ ނުޖެހޭނެ އެހެން އިދާރާއަކުން ހޯދައިގެން ފޯރުކޮށްދޭކަށް" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ޤާއިމުކުރާ ޑިޖިޓަލް މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. އެކަން ކަށަވަރުކުރާނީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އުފެއްދެވި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީންނެވެ. އެތަނުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާ ވަޒީރު ވަނީ މިހާރު ކުރިއަށްދަނީ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްކަން ފާގަހަކުރައްވާފައެވެ.

މިފަދަ ޒަމާނީ ނިޒާމެއް ޤާއިމްކުރެވިގެން އަންނައިރު، ދައުލަތުގެ މިހާރު ވަކިވަކިން ޑިޖިޓަލައިޒްކޮށްގެން ޚިދުމަތް ދެމުން އަންނަ ދައުލަތުގެ އެކި އިދާރާތައް އެއް ނިޒާމެއްގެ ތެރެއަށް ވަނުމަށް މުއްދަތެއް ދޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) މޯލްޑިވްސް ޑިޖިޓަލް ސާވިސަސްއަށް ބަދަލުކޮށް މުޅި ނިޒާމު ބެލަހައްޓާނީ އެއިދާރާގެ ބެލުމުގެ ދަށުން ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.

މި ނިޒާމު ފުރިހަމަކޮށް ނިމޭއިރު، އަވަސް އަދި ރައްކާތެރި މާހައުލެއްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. މިއީ ޒަމާނީ ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ގެނެވޭނެ އިންޤިލާބީ ބަދަލަކަށް ވެގެންދާނެއެވެ.