ޝަޢުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ދެކި މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ޝަޢުބާން މަހުގައި ހެޔޮ އަމަލުކުރުން" އެވެ.
މިއަދުގެ ޚުތުބާގައި ވަނީ ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެއްކަމާއި، މިއީ ރަމަޟާންމަހަށް މަރުޙަބާކިޔަން ތައްޔާރުވަމުން އަންނަ މަހެއްކަން ފާހަގަކުރައްވާ އެ މަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިމަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއްކަމަށާއި، މާތްﷲ ގެ ހަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ދެމިހުންނެނިވި ގޮތުގައި ކުރެވޭ ހެޔޮޢަމަލުކަންވަނީ ހަނދާންކޮށްދެއްވާފައެވެ.
ޝަޢުބާން މަހަކީ ރަމަޟާންމަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި އެއީ މީސްތަކުން އެމަހަކާ މެދު ޣާފިލުވާމަހެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ޝަޢުބާންމަހަކީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ހަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފެއްލެވޭ މަހެއްކަމަށެވެ.
ޙުޠުބާގައި ވިދާޅުވީ ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން ސަލާމަތްކުރައްވާނެ ކަމެއް ކަމުގައެވެ.
""ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެކެވެ. މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ z، އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ ޢަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެއް" ޚުޠުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން ޚުތުބާގައިވަނީ ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަންޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ހަނދާންކޮށްދެއްވާ ނަސޭޙަތްތެރިވެފައެވެ. އަދި ރަމަޟާންމަހުގެ އަޅުކަމަށް ވަގުތު ދެވޭގޮތަށް ވަގުތުތައް ރާވާ، ރަމަޟާން މަހުގައި އިސްރާފުކުރުމަކީ އޮތްކަމެއް ނޫންކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.
"ޝައުބާންމަސް ދެބައި ވެއްޖެނަމަ، ފަހެ ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ!" މި ހަދީޡުން ދޭހަވަނީ ޢާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި، މި ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވިކަމެވެ. އެކަމަކު އޭނާއަކީ، ފާއިތުވި ރަމަޟާން މަހުގެ ރޯދައެއް ޤަޟާ ކުރާން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފާން ޖެހިފައިވާމީހަކުނަމަ، ނުވަތަ އާދަކޮށް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހު ރޯދަ ހިފައި، މެދުފޮއި ރޮދަހިފުމަށް އާދަވެފައިވާ މީހަކުނަމަ، ނުވަތަ އާދަކޮށް ދެދުވަހުނ އެއްދުވަހު ރޯދަހިފާ މީހަކުނަމަ ޝައުބާންމަސް ދެބައިވުމުންވެސް އެފަދަ ރޯދައެއް ހިފުން މަނާވެގެނެއް ނުވެއެވެ" ޚުތުބާގައި ވިދާޅުވިއެވެ.
ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދައްކާ ދީލަތިކަން އިތުރުކުރުމަށް ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން ދުރުހެލިވާންޖެހޭކަމަށެވެ. އަދި ދޮގުހެދުމާއި، ފުރައްސާރަކުރުމާއި ދުރުހެލިވެ، ފުރިހަމަ ގޮތުގައި ރޯދައަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދަޢުރެއްވާކަން ދަނެގަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލިކުރުމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
މިހާރު ވޭތުކުރަމުންދާ ޝަޢުބާން މަހުގެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތަކުރާރުކޮށް ވިދާޅުވަމުން ޚުތުބާގައި ވަނީ ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަށް ގޮވާލައްވާފައެވެ. އެގޮތުން، ގިނަގިނައިން ރަސޫލާއަށް ސަލަވާތްކިޔަވައި، ސަލާމްލެއްވުންއެދި ދުޢާ ކުރުމަށާއި، ގިނައިން ސުންނަތް ރޯދަ ހިފުމަށް ވަނީ ގޮވާލައްވާފައެވެ.