ޚަބަރު

ދުރާންގެ ދެ ލަނޑާއެކު އަލް ނަސްރު މޮޅުވެއްޖެ


ސައުދީ ޕްރޯ ލީގުގައި ރޭ އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޯން ދުރާން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެއެވެ.

މި މެޗުން އަލް ނަސްރު މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 44 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ލިބިފައެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 19 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަލް ހިލާލަށް 19 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ޖޯން ދުރާން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއިން މިދިޔަ ޖެނުއަރީ މަހު އަލް ނަސްރަށް ބަދަލުވި ދުރާން ވަނީ މި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ އަލް ނަސްރުން ނިންމާލާފައިވާއިރު، ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެ ޓީމުގެ މުހައްމަދު ސިމަކަންއަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް އަލް ނަސްރުން ކުޅެން ފެށިތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 78 ވަނަ މިނިޓުގައި އަލް އަހްލީގެ އިވާން ޓޯނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން އަލް ނަސްރުގެ އައިމަން ޔަހުޔާ ވަނީ އިތުރު ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ އަށް މިނިޓު ފަހުން ދުރާން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި މެޗުގައި އަލް އަހްލީން ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސުމެއިހަން އަލް ނަބީތުއެވެ.