ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ބުރު ސްޕޯޓްސް ބަލިކޮށް ވެލެންސިއާއަށް ރަނގަޅު ފެށުމެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބުރު ސްޕޯޓްސް ބަލިކޮށް، ކުލަބު ވެލެންސިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް އޭގެ މެޗު ވެލެންސިއާއިން ކާމިޔާބުކުރީ ބުރު ސްޕޯޓްސް އަތުން 2-0 ނަތީޖާއަކުންނެވެ.

މި މެޗުގައި ވެލެންސިއާއިން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަހުފާން އަޙްމަދު ޝަހީމެވެ. އަދި މެޗު ނިމެން ނުވަ މިނެޓަށްވެފައި ވަނިކޮށް ވެލެންސިއާއިން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ އަޙްމަދު ކައިން ޣަޔާޝެވެ.

ޖުމްލަ 8 ޓީމު ވާދަކުރާ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އާއި ބުރު ސްޕޯޓްސްގެ އިތުރުން ކުލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އޮޑި ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑަށެވެ. މިއީ އެފްއޭއެމްއިން މި އަހަރު ކުރިއަށްގެންދާ ރަސްމީ ފުރަތަމަ މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީސީންނެވެ.