ޚަބަރު

ހޮޓެލިއާ މޯލްޑިވްސް އެވޯޑަށް 450އަށްވުރެ ގިނަ ފަރާތުން ވާދަކުރަނީ


  • މިއެވޯޑު ހަފްލާ އޮންނާނީ މިއަހަރުގެ މެއި މަހު

  • މިއެވޯޑުގައި 28 ކެޓަގަރީއަކަށް ވާދަކުރުމަށް ހުޅުވާލާފައިވޭ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ފާހަގަކޮށް، އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑް 2025" އަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މިއެވޯޑަށް ކުރިމަތިލުމަށް މިހާތަނަށް 450 އަށްވުރެ ގިނަ ފަރާތުން ނަން ހުށަހަޅާފައިވާކަމަށެވެ. އަދި މިއީ މިދިޔަ އަހަރު މިއެވޯޑަށް ވާދަކުރި ފަރާތްތަކާ އަޅާބަލާއިރު 50 އިންސައްތައަށްވުރެ އިތުރު އަދަދެއްކަމަށެވެ. އަދި މިއީ މިއެވޯޑުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަރާތްތަކެއް ވާދަކުރާ އަހަރުކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ އެވޯޑްގައި އަލަށް ހަތަރު ކެޓަގަރީއެއް ތަޢާރަފްކޮށް، ޖުމްލަ 28 ކެޓަގަރީއަކަށް ވާދަކުރުމަށް ހުޅުވާލާފައިވެއެވެ. އަލަށް ތަޢާރަފްކުރި ކެޓަގަރީތަކުގެތެރޭގައި ވޯޓަރ ސްޕޯޓްސް އަދި ޑައިވިންގްގެ އިތުރުން އެއަރޕޯޓް ރެޕްރެޒެންޓެޓިވް އަދި ރިސޯޓް މެނޭޖަރުގެ ކެޓަގަރީ ހިމެނެއެވެ. އިތުރުކުރެވުނު ކެޓަގަރީތަކަކީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެދުމުގެ މަތިން އިތުރުކުރެވުނު ކެޓަގަރީތަކެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ، މިވަގުތު ކުރިއަށްދަނީ ފަނޑިޔާރުންގެ މާކްސްދިނުމުގެ މަރުހަލާ ކަމަށާއި، އެ މަރުހަލާ ނިމުމުން އާންމުންގެ ވޯޓަށް ހުޅުވާލާނެ ކަމަށެވެ. މިއެވޯޑްގެ ވަނަތައް ކަނޑައަޅާނީ ފަނޑިޔާރުންގެ މާކްސްގެ 60 އިންސައްތައާއި އާންމުންގެ 40 އިންސައްތަ ވޯޓު ހިމަނައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލު ހޮސްޕިޓަލިޓީ ކުންފުންޏެއްކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމުކުރާ މިއެވޯޑު ހަފްލާ އޮންނާނީ މިއަހަރުގެ މެއި މަހުއެވެ. މި ހަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހުނަރުވެރިކަމާއި ޤާބިލުކަން ފާހަގަކޮށް، އެ ފަރާތްތަކުގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މިއެވޯޑަކީ ދާއިރާގެ ފަރާތްތަކުން އުންމީދާއެކު ބަލައިގަންނަ އެވޯޑެކެވެ. މި އެވޯޑުގެ ސަބަބުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުނެއެވެ.

ހަމަމިއާއެކު މި އެވޯޑުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ހިތްވަރާއި ފޯރި އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރެވި، ދާއިރާގެ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް ހޮޓެލިއާ މޯލްޑިވްސް އިން ބުނެއެވެ.