ދުނިޔެ

އިސްރާއީލުން ފަލަސްތީނުގައި އިތުރު ގެތަކެއް އިމާރާތްކުރަނީ


އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިތުރު 800 ހައުސިން ޔުނިޓް ބިނާކުރުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ނިންމައިފިއެވެ.

ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ބުނާގޮތުން މި 800 ހައުސިންގ ޔުނިޓް ބިނާކުރަނީ ގުދްސުގެ އިރުމަތީ ފަޅީގައެވެ.

ގުދްސުގެ އިރުމަތީ ފަޅިއަކީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފާފައިވާ ބައެކެވެ. އަދި ގުދްސުގެ ހުޅަނގު ފަޅިއަކީ ނަވާރަސަތޭކަ ސާޅީސް އަށްވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތް އުފެއްދުމާއެކު ހިނގި ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ބައެކެވެ.

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގަމުން ގެންދާ ޔަހޫދީ އާބާދީތަކުގެ މަޝްރޫއަކީ އެބިންތައް ދާއިމީގޮތަކަށް އަތްދަށުލައި އެބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް ދުވަހަކުވެސް އުފެއްދުމުގެ ފުރްސަތު ނުދިނުމުގެ ރޭވުމުގައި ހިންގާ ޣައިރު ގާނޫނީ މަޝްރޫޢެކެވެ. މިމަޝްރޫޢު ހުއްޓާލުމަށް އދ. ން ގޮވާލާ ގޮވާލުންތަކަށްވެސް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ.