ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހަކު މިދިޔަ އަހަރު އުމުރަށް ޖަލަށްލާން ޙުކުމްކުރި


  • މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެއްގައި ގޮތް ނިންމި

  • 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކުގައި ހުކުމްކޮށްފައިވަނީ ކުށް ސާބިތުވެގެން

މަސްތުވާތަކެތީގެ ވިޔަފާރި ކުރި 20 މީހަކަށް މިދިޔަ އަހަރު އުމުރު ދުވަހުގެ ޖަލު ހުކުމް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެ ކޯޓުން ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެއްގައި ގޮތް ނިންމާފައެވެ. މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން ފަރުވާގެ ފުރުސަތު ދިނުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށް އަނބުރާ ގެންދެވި މައްސަލަތަކާއި އެ އޮފީހުން ދައުވާ މުރާޖަޢާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމަވައި އަނބުރާ ގެންދެވި މައްސަލަތައްވެސް ހިމެނޭ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން މައުޟޫއީ ގޮތުން ބަލައި ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އަދި 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކުގައި ހުކުމްކޮށްފައިވަނީ ކުށް ސާބިތުވެގެންކަމަށް ކޯޓުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތައްވެސް ހިމެނެއެވެ. އެގޮތުން، މިދިޔަ އަހަރު ޖުމްލަ 20 މީހެއްގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 7 މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ހާމަކުރައްވާފައިވާ ގޮތުގައި އެ ކޯޓުން ނިންމި މަސްތުވާތަކެތީގެ މައްސަލަތުގައި ޖޫރިމަނާގެ ގޮތުގައި 10،200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ދައުލަތަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ރާއްޖޭގައި މަސްތުވާކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން ރީހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައުއަށް ނެރުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް ގެންދަނީ އަޅުއްވަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މަސްތުވާތަކެއްޗާގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ބާރުލިބޭގޮތަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއްވެސް ވަނީ ހުށަހަޅުއްވާފައެވެ. މި އިސްލާހުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހިމަނާފައެވެ.