ޚަބަރު

އެވަޓަން އިން ލިވަޕޫލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ހޯދުމަށް ލިވަޕޫލް އަށް ލިބުނު ފުރުސަތު އެ ޓީމަށް ގެއްލިއްޖެ އެވެ.

މި މެޗު އެއްވަރުވުމާއިއެކު ލިވަޕޫލް އަށް 24 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ދެވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. އަދި ލިވަޕޫލް އަތުން މި މެޗުގައި ޕޮއިންޓެއް ހޯދި އެވަޓަން އޮތީ 27 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފަ އެވެ. އަދި އެވަޓަންގެ ކޯޗު ކަމާއި ޑޭވިޑް މޯޔެސް ހަވާލުވުމަށްފަހު އެ ޓީމުގެ ކުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާމި މެޗުގެ 11 ވަނަ މިނިޓުގައި އެވަޓަންގެ ބެޓޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން މުހައްމަދު ސަލާ ނަގައިދިން ހުރަހަކުން ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރ އެލެކްސިސް މެކަލިސްޓާ ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ލިވަޕޫލް އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ގިނައިރުތަކެއް ނުވަނީސް އެވަޓަންގެ އިލިމަން އެންޑިއާއޭ އަށް ލިބުނު އަނިޔާގެ ސަބަބުން އެވަޓަންގެ ކޯޗު ޑޭވިޑް މޯޔެސް އަށް ވަނީ މަޖުބޫރު ބަދަލެއް ގެނެސް ޖެކް ހެރިސަން ކުޅެން އަރުވާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ އެ ޓީމަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެލެކްޒެންޑަރ އާނޯލްޑް އާއި ކާރޓިން ޖޯންސް އާއި ކޮސްޓަސް ސިމިކަސްގެ އިތުރުން ޑާވިން ނޫނޭޒް ވަނީ ކުޅެން އަރުވާފަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި މުހައްމަދު ސަލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެވަޓަންގެ ޖޭމްސް ޓާކޯސްކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ލިވަޕޫލްގެ ކުޅުންތެރިންނާއި އޮފިޝަލުން ބުނުމާއެކު ވީޑިއޯ އެސިސްޓެންޓް ރެފްރީން ބެލުމަށްފަހު އެއީ ރަގަޅު ލަނޑެއް ކަމަށް ވަނީ ނިންމާފަ އެވެ.

މި މެޗުގެ ކުޅުން ރެފްރީ ނިންމުމާއިއެކު ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ރެފްރީ ވަނީ އެވަޓަންގެ އަބްދުالله ޑޫކޫރޭ އާއި ލިވަޕޫލްގެ ކާރޓިސް ޖޯންސް އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާފަ އެވެ. އަދި ހަމަނުޖެހުންތަކުގެ ތެރޭގައި ރެފްރީ ވަނީ ލިވަޕޫލްގެ ކޯޗު ސްލޮޓުގެ އިތުރުން އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަލްޝޮފްވެސް ދަނޑުން ފޮނުވާލާފަ އެވެ. މި މެޗުގެ ރެފްރީގެ ނިންމުންތަކާއިމެދު ސްލޮޓް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.