ޚަބަރު

ފެނޫޑް އަތުން އޭސީ މިލާން ބަލިވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފެނޫޑް އާއި ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިވެއްޖެ އެވެ.

ނެދަލޭންޑްސްގެ ފެނޫޑް އާއި ދެކޮޅަށް ހަތް ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އޭސީ މިލާން ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ތިންވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިގޯ ޕައިޒާއޯ އެވެ.

މެޗު ފަށައިގެން ގިނައިރުތަކެއް ނުވެ ފެނޫޑް އިން ލަނޑު ޖަހާ ކުރި ހޯދުމާއެކު އޭސީ މިލާނަށް ވަނީ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޕައިޒާއޯ ވަނީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

މިއީ ފެނޫޑްގެ ކޯޗު ކަމުގެ މަގާމުގައި ކުރިން ހުރި ބްރިއަން ޕްރިސްކޭ މަގާމުން ދުރުކުރުމަށްފަހު އެ ޓީމުގެ ކޯޗު ކަމާއި މިދިޔަ އަންގާރަ ދުވަހު އަލަށް ހަވާލުވި ޕަސްކަލް ބޮސްޗާޓުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޭސީ މިލާނުން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ފެނޫޑްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.

މި މެޗަށް ނިކުތް އޭސީ މިލާނުގެ ފުރަތަމަ އެގާރައިގައި އިޓަލީގެ އެއްވެސް ކުޅުންތެރިއަކު ހިމަނާފައިނުވާއިރު މެޗުގެ ދެވަނަ ހާފުގައިވެސް ފެނޫޑް އިން ވަނީ ކައުންޓަރ އެޓޭކްތަކުގައި އޭސީ މިލާނަށް ނުރައްކާކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު އަންނަ ހަފްތާގައި މިލާނުގެ ސެންސީރޯ ސްޓޭޑިއަމުގައި މި ދެ ޓީމު ދެވަނަ ލެގަށް ނިކުންނައިރު އޭސީ މިލާނަށް ކުރަން ޖެހިފައިވާ މަސައްކަތްވަނީ ބޮޑުވެފަ އެވެ.