ޚަބަރު

އިންޑިއާ އަތުން އިންގްލަންޑް އަނެއްކާވެސް ބަލިވެއްޖެ


އެއް ދުވަހުގެ ބައިނަލްއަގްވާމީ ކްރިކެޓް މެޗެއްގައި އިންޑިއާ އަތުން އިންގްލަންޑް ބަލިވެއްޖެ އެވެ.

ކުރިއަށް އޮތް ޗެމްޕިއަންސް ޓްރޮފީ އަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުޅެމުންދާ މެޗުތަކުގެ ތެރެއިން އިންގްލެންޑް އިން އިންޑިޔާއަށް ކުރަމުންދާ ދަތުރުގައި އިންޑިޔާގެ އަހުމަދު އާބާދުގައި ކުޅުނު މި މެޗުން އިންޑިޔާ މޮޅުވެފައިވަނީ 142 ލަނޑުންނެވެ.

މި މެޗުގައި އިންޑިޔާއިން ވަނީ ފުރަތަމަ ކުޅެން އަރާ ފަންސާސް އޯވަރުގެ ތެރޭގައި 356 ލަނޑު ހަދާފަ އެވެ. އޭގެ ތެރޭގައި އިންޑިޔާގެ ގިލް ވަނީ 112 ލަނޑު ހަދާފަ އެވެ. ޖަވާބުގައި އިންގްލެންޑް ކުޅެން އަރާ 34.2 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 214 ލަނޑެވެ.

އިންގްލެންޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން އެ ޓީމު ބަލިވެފައިވާއިރު މީގެ ކުރިން އިންޑިޔާ އާއި ދެކޮޅަށް ކުޅުނު އެއް ދުވަހުގެ އިންޓަރނޭޝަނަލް ދެ މެޗުންވެސް އިންގްލެންޑް ވަނީ ބަލިވެފަ އެވެ.

މި މެޗަށްފަހު އިންގްލެންޑްގެ ކެޕްޓަން ޖޮސް ބަޓްލާރ ބުނެފައިވަނީ އެ ޓީމުން ރަގަޅަށް ކުޅުނު ނަމަވެސް އިންޑިޔާ އެ ޓީމަށްވުރެ މާ މޮޅަށް ކުޅެފައިވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ގޮތުގައި އަމިއްލަ އަށް ރަގަޅު ކުރަން ޖެހޭ ކަންކަން ރަގަޅުކޮށްގެން މިއަށްވުރެ ރަގަޅު ނަތީޖާތަކެއް ހޯދޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.