ކުޅިވަރު

ރެއާލް ބެލީ އެޑަސަން ހާސްކޮށްލަން، މޮޅުވީ އެހެންވެ: އަންޗެލޮޓީ


ޔުއެފާ ޗެމްޕިއަންސް ލީގުގައި އިއްޔެ ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ބަލިކުރެވުމުގެ މައިގަނޑު ސަބަބަކީ އެ ޓީމުގެ ގޯލްކީޕަރު އެޑަސަން ކުޅުނު ނުދިނުން ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗުގައި ވެސް ރެއާލްގެ ކުޅުންތެރިން ތިބީ އެޑަސަން އަށް ވަރަށް ރަނގަޅަށް ފާރަލައިގެން ކަމަށެވެ.

"އޭނާ އަށް ބޯޅަ ލިބުމާއެކު އަހަރުމެން ދެ ކަމެއް ކުރިން. ފުރަތަމަ ކަމަކީ އަހަރުމެންގެ ފޯވަޑުން އަވަހަށް ޕްރެސް ކޮށްލުން. ދެ ވަނަ ކަމަކީ އަހަރުމެންގެ މިޑްފީލްޑަރުން ކުޑަކޮށް ފަހަތަށް ޖެހިލައި ރަނގަޅަށް ތަރުތީބުވުން. މިހެން ހެދުމުން އޭނާ އަށް ކުޅެގަންނަން ދަތިވި. މެޗުގައި ފެނިގެންދިޔައީ އެކަން،" އަންޗެލޮޓީ ބުންޏެވެ.

މި މެޗުގައި ފަހު ފަސް މިނިޓްގައި ސިޓީ ބަލިވީ 2-1އިން ލީޑެއް ހޯދާފައިވަނިކޮށް ގާތްގާތުގައި ރެއާލް ޖެހި ދެ ގޯލުންނެވެ. ހާއްސަކޮށް ބްރެހަމަ ޑިއާޒް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ޖެހި ގޯލުގައި އެޑަސަން ވަރަށް ބޮޑު ގޯހެއް ހެދި އެވެ. ޑިއާޒް ގޯލު ޖެހީ އެޑަސަން އަތުން ދޫވި ބޯޅައިންނެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް އެކަން ފާހަގަކުރި އެވެ. އޭނާ ބުނީ ފަހަތުން އެޑަސަން ސާފުކޮށްލަން ފޮނުވާލި ބޯޅަ ކުރިއަށް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"އެބޯޅަ އޭނާ ސާފުކޮށްލަން ޖެހި ނަމަވެސް ދިޔައީ ވަރަށް ގޯސްކޮށް. އެ ބޯޅަ ލިބުނީ ރެއާލްގެ ކުޅުންތެރިންނަށް. އެމީހުން ގޯލު ޖެހީ އެ ބޯޅައިން. ބައެއް ފަހަރު ގޯލް ކުރިމަތިން ޕްރެޝަރު ވަގުތުތަކުގައި ކީޕަރުންނަށް އެފަދަ ގޯސްތައް ހެދޭ. އެޑަސަން އަށް ވެސް މިފަހަރު ދިމާމިވީ އެކަހަލަ ކަމެއް،" ގާޑިއޯލާ ބުންޏެވެ.

މި މެޗުން ބަލިވުމުން ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދެވޭނީ އަންނަ ހަފުތާގައި ރެއާލްގެ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކޮށްގެންނެވެ. ގާޑިއޯލާ ބުނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް މެޑްރިޑް ކަމަށާއި އެމީހުން އަމިއްލަ ދަނޑުގައި ބަލިކުރެވޭނީ ވަރަށް މަސައްކަތުން ކަމަށެވެ. އެއީ އޭނާގެ ޓީމު މިހާރު އޮތް ހާލަތަށް ބަލާއިރު އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. ސަބަބަކީ ޓީމުގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވުމާއި މި ސީޒަނުގެ ނަތީޖާތައް މާބޮޑަށް ގޯސްވެ، ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.

"ކުޑަ ދުވަސްކޮޅަކުން އެ ފަދަ މުހިންމު މެޗަކަށް ތައްޔާރުވުމަކީ ފަސޭހަ ކަމަކަށްނުވާނެ. އެކަމަކު ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ. އަހަރުމެން ޖެހޭނީ ތައްޔާރުވާން. އެކަމަށް މަސައްކަތް ކުރާނެ،" ގާޑިއޯލާ ބުންޏެވެ.

މި ދެ ޓީމު ކުޅެން ޖެހޭ ފަހު މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭގަ އެވެ.