ޚަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުޙައްމަދު ނިޔާވެއްޖެ


މަޝްހޫރު ލަވަކިއުންތެރިޔާ މުޙަންމަދު މާޖިދު، މިއުޒިކްގެ ދާއިރާއިން މަޝްހޫރު ނަމުން ނަމަ، މެޒޯ މުޙަންމަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 59 އަހަރުގެ މެޒޯ މުޙައްމަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މެޒޯ މޯޑަކީ ދިވެހި މިއުޒިކް އިންޑަސްޓްރީގައި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ. ވަކިން ޚާއްސަކޮށް ދިވެހި އަމިއްލަ ރާގުގެ ލަވަތައް ޕްރޮމޯޓްކޮށް، ކުރިއެރުވުމުގައި މެޒޯ މޯޑުވަނީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާގެ ލަވަތަކަކީ މިހާރުވެސް ދިވެހިން ވަރަށް ގިނައިން އަޑުއަހާ މަޤުބޫލު އަދި އެހާމެ މަޝްޙޫރު ލަވަތަކެކެވެ.

މެޒޯ މުޙަންމަދު، މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ނުކުމެވަޑައިގަތީ، 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިންނެވެ. މި ދާއިރާގައި އޭނާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ ދިގު މުއްދަތެއް ވެފައިވާއިރު، ރާއްޖޭގެ މިޔުޒިކްގެ ދާއިރާއަށް އޭނާ ވަނީ ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި، އޭނާގެ އަމިއްލަ އުފެއްދުންތަކެއް އުފައްދަވައި، އެފަދަ އުފެއްދުންތަކުގެ މަޤްބޫލުކަން ޢާންމުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެންދިޔަކަން އެއީ، ރާއްޖޭގެ މިޔުޒިކްގެ ދާއިރާއަށް އަންނަމުންއައި ބަދަލުގައި މުޙަންމަދު މާޖިދުގެ ޙިއްޞާ އިތުރުވެގެންދިޔަ ކަމެކެވެ.

މިޔުޒިކްގެ ދާއިރާގައި 45 އަހަރަށްވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ މެޒޯ މުޙައްމަދުގެ ހުނަރާއި މިއުޒިކްގެ ދާއިރާއިން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ އަގުވަޒަންކޮށް 2010 ވަނަ އަހަރު އޭނާއަށް ސަރުކާރުން ވަނީ ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި މިޔުޒިކު ކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމުދެއްވާފައެވެ.